03 މެއި 2021 - 15:32

ނިއު ދިއްލީ (މެއި 3) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި އޮކްސިޖަން ނުލިބިގެން އަނެއްކާވެސް 12 މީހުން މަރުވެއްޖެ އެވެ.

ދިއްލީގެ ބައެއް ހޮސްޕިޓަލްތަކުން އެނދު ނުލިބުމުން އޮކްސިޖަން ސިލިންޑަރާ އެކު ބައެއް މީހުން ހޮސްޕިޓަލްތަކުގެ ބޭރުގައި ވެސް ތިބެންޖެހެ އެވެ. ބައެއް ހޮސްޕިޓަލްތަކުގެ ބޭރުގައި ކިޔޫގައި 12 ގަޑިއިރަށް ވުރެ ވެސް ގިނަ ވަގުތު ހޭދަކުރަންޖެހެ އެވެ.
ކޭސްތައް އިތުރުވުމުން ދިއްލީގެ ބޮޑެތި އެތައް ހޮސްޕިޓަލެއްގައި ޑިމާންޑާ އެއްވަރަށް އޮކްސިޖަން ސަޕްލައިކޮށެއް ނުދެވެ އެވެ. އެއް ޑޮކްޓަރަކު ސިފަކުރި ގޮތުގައި ކުދި ހޮސްޕިޓަލްތަކުގައި ވެސް އޮކްސިޖަން ސްޓޯރޭޖް ވަނީ ހުސްވެފަ އެވެ.
ދިއްލީން އެކަނިވެސް އާދިއްތަ ދުވަހު ވަނީ 20،000 މީހުން ޕޮޒިޓިވްވެ 407 މީހުން މަރުވެފަ އެވެ.
ދިއްލީގައި ޝްރީ ރާމް ސިންގް ހޮސްޕިޓަލް ހިންގާ ޑރ. ގޯތަލް ސިންގް ވިދާޅުވީ އޭނާގެ ހޮސްޕިޓަލްގައި ކޮވިޑަށް 50 އެނދު އަދި އައިސީޔޫން 16 އެނދު ހުސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޮކްސިޖަން ނުލިބޭތީ ބަލި މީހުން އެޑްމިޓް ކުރަން ޖެހިލުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލްގެ ދެބައިކުޅަ އެއްބައި ސްޓާފުން ބޭރުތެރޭގައި ކޮންމެ ދުވަހަކު ވެސް ހަރަކާތްތެރި ވަނީ އޮކްސިޖަން ސިލިންޑަރެއް ލިބޭތޯ،" ސިންގް ވިދާޅުވި އެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވަނީ މައި ސަރުކާރުން އެ ސިޓީ އަށް އެކަށީގެންވާ ވަރަށް އޮކްސިޖަން ފޯރުކޮށްނުދޭތީ ޝަކުވާ ކުރައްވައިފަ އެވެ. ފެޑެރަލް އޮފިޝަލުން ވިދާޅުވަނީ އޮކްސިޖަންގެ ޝޯޓޭޖެއް ނެތް ކަމަށާއި ދަތިވަނީ އޮކްސިޖަން އެއް ތަނުން އަނެއް ތަނަށް ފޮނުވަން ކަމަށެވެ.