03 މެއި 2021 - 15:13

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ހަމަވެފައިވާ މީހުންނަށް އިސްކަން ދިނުމުގެ ގޮތުން މިރޭ ވެކްސިން ދޭނީ ފެބްރުއަރީ މަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް އެކަނި ކަމަށް ހެލްތު އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
އެޗްއީއޯސީން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ހަމަވެފައިވާ ނުވަތަ ހަމަވާން ކައިރިވެފައިވާ މީހުންނަށް އިސްކަން ދިނުމުގެ ގޮތުން، މިރޭ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ހަމައެކަނި ފެބްރުއަރީ މަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް އެކަނި ކަމަށެވެ.
ވެކްސިން ދިނުން ކުރިއަށްދާނީ ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައި ކަމަށާއި ނަންބަރު ދޫކުރުމުގައި ވެކްސިން ކާޑާށް ބެލޭނެ ކަމަށް އެޗްއީއޯސީން ބުނެ އެވެ.
އެޗްއީއޯސީން ބުނާ ގޮތުގައި ވެކްސިން އަށް ގެނައި ބަދަލަކީ ކިއު ބޮޑުވުމާއި އަދި 12 ހަފްތާ ވާ މީހުންނަށް އިސްކަން ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ. އަދި 12 ހަފްތާވާ މީހުންނަށް ވެކްސިން ދެވޭނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވެސް އެޗްއީއޯސީން ބުނެ އެވެ.
ވެކްސިން ޕްރޮގްރާމަށް ގެންނަ ބަދަލުތަކަކީ ދުނިޔޭގައި ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އިންޑިއާ އިން އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިނަށް ރާއްޖެ ޖެހެމުންދާތީ ގެންނަ ބަދަލެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ކޮވިޑު-19 އިން ދިފާއުވުމަށް ރާއްޖެއިން ގަންނަ ވެކްސިންގެ 700،000 ޑޯޒް އަންނަ މަހު ލިބެން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި އެވެ.
މީގެ ކުރިން އެޗްއީއޯސީން ވެސް އޮތީ ރާއްޖެ ވެކްސިނަށް ޖެހޭ ވާހަކަ ދޮގުކޮށްފަ އެވެ. އެންމެ ފަހުން އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވެސް ރާއްޖެ ވެކްސިނަށް ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވަ އެވެ.
ޑރ. ޝާހު ވިދާޅުވީ ވެކްސިން ހޯދުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ގަތުމަށް ކުރަން ޖެހޭ މަަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ޝާހް ވަނީ ވެކްސިން ޖެހި ފަހުން އަށް ހަފްތާވެފައިވާ ގިނަ ބަޔަކު ވެކްސިން ނުޖަހައި ތިބި ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެހެންވެ، އަވަހަށް ވެކްސިން ޖެހުމަށް އެޗްއީއޯސީން އެދުނަސް، ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއަކީ ވެކްސިން ޖެހުމުގެ ކަންކަން އެއްވެސް ހަމައެއް ނެތި، ކުރިއަށް ގެންދާތީ އެވެ.