04 މެއި 2021 - 08:55

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، އެ ބަލީގައި ކޮންމެ ދުވަހަކު މަރުވާ އެތައް ބައެއްގެ ހަށިތައް އަންދަމުންދާ އިރު، ޗައިނާ އިން އެކަމަށް ސޯޝަލް މީޑިއާގައި ޖެހި ޖޯކެއްގެ މައްސަލަ ހޫނުވެއްޖެ އެވެ.
ކޮވިޑް އުފަންވި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޗައިނާގެ، ސޯޝަލް ޕްލެޓްފޯމް ވެއިބޯގައި އެ ގައުމުގެ ކޮމިއުނިސްޓް ޕާޓީއާ ގުޅުން އޮތް އެކައުންޓަކުން ޕޯސްޓްކޮށްފައި ވަނީ އިންޑިއާ އިން މީހަކު އަންދާ މަންޒަރު ފެންނަ ފޮޓޯއަކާއި ޗައިނާ އިން ރޮކެޓެއް އުދުއްސައިލާ މަންޒަރު ފެންނަ ފޮޓޯއެކެވެ. އޭގެ ކެޕްޝަނުގައި ލިޔެފައި އިނީ "ލައިޓިން އަ ފަޔާ އިން ޗައިނާ ވާސަސް ލައިޓިން އަ ފަޔާ އިން އިންޑިއާ" އެވެ.
މި ޕޯސްޓް ހޮނިހިރު ދުވަހު ދައުރުވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އެކައުންޓުން ވަނީ ޕޯސްޓް ޑިލީޓްކޮށްލައިފަ އެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެއީ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ޕޮލިޓިކަލް އެންޑް ލީގަލް އެފެއާޒް ކޮމިޝަނަށް ނިސްބަތްވާ އެކައުންޓެކެވެ.
ޗައިނާ އަށް ފާޑުކީ އެތައް ބަޔަކު ބުނެފައި ވަނީ ބޮޑު ބަލިމަޑުކަމާ އެކު އަވަށްޓެރި ގައުމެއް ބޮޑު ހިތްދަތި ކާރިސާއެއްގެ ތެރޭގައި އޮއްވައި ޗައިނާ އިން އިންޑިއާ އަށް ފުރައްސާރަ ކުރުމަކީ ވަރަށް ދެރަ ކަމެކެވެ. އަދި އެ އަމަލަކީ ބަޔަކަށް ފުރައްސާކުރުމުގެ ގޮތުން ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ޕޯސްޓަށް ފާޑުކީ ޗައިނާގެ ބައެއް މީހުން ވަނީ އެ އަމަލާ މެދު އެ މީހުން ލަދުވެތިވާ ކަމަށް ވެސް ބުނެފަ އެވެ.
ޗައިނާގެ އެ "ރަހުމް ކުޑަ" ޕޯސްޓާ ގުޅިގެން އެ ގައުމުގެ މީޑިއާތަކުން ވެސް ސަރުކާރަށް ފާޑުކިޔާފައިވެ އެވެ. އެގޮތުން ޗައިނާގެ ގްލޯބަލް ޓައިމްސްގެ އެޑިޓަރު-އިން-ޗީފް ހޫ ޒިޖިން ވިދާޅުވީ މި ދަނޑިވަޅަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުން ދެވަނަ އަށް އެންމެ އާބާދީ ބޮޑު އަވަށްޓެރި ގައުމަށް ހަމްދަރުދީވާން ވަގުތު ކަމަށެވެ.
"މިއީ ޗައިނާ އިން އިންސާނިއްޔަތުކަމާއި ހަމްދަރުދީ ދައްކަންވީ ވަގުތު. މިފަދަ ހާލަތެއްގައި އިންޑިއާ އަށް ފުރައްސާރަކުރުމަކީ ވަރަށް ދަށްފެންވަރު އަމަލެއް،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް ބަލީގައި އިންޑިއާ އިން އެތައް ބަޔަކު މަރުވަމުންދާ އިރު، މަރުވާ މީހުންގެ ހަށިތައް އަންދާ ތަންތަން ފުރިބާރުވެ، ޖާގައިގެ ދަތިކަން ކުރިމަތިވުމުގެ އިތުރަށް އަންދަން ބޭނުންކުރާ ލަކުޑި އަށް ވެސް އެ ގައުމު ވަނީ ޖެހިފަ އެވެ.