ފަސް އަހަރަށް ފަހު ސުޖާ ޓީޓީގެ ހިންގުމާ ދުރަށް
ފަސް އަހަރަށް ފަހު ސުޖާ ޓީޓީގެ ހިންގުމާ ދުރަށް

ޓީޓީ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީކަމުގެ މަގާމުގައި ފަސް އަހަރު ހޭދަ ކުރެއްވުމަށް ފަހު އިސްމާއިލް ސުޖާ، މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޓީޓީގެ ޖެނަރަލް ސެކެޓްރީ ކަމަށް ސުޖާ އެންމެ ފުރަތަމަ ވަޑައިގެންނެވީ 2016 ގައި، އޭރުގެ ރައީސް ސީވީޑް އަހްމަދު ލަތީފްގެ ދައުރުގަ އެވެ. ޓީޓީގެ ތިން އެކްސްކޯއެއްގެ ދަށުން ސުޖާ ވަނީ، ޖެނަރަލް ސެކެޓްރީ މަގާމު އަދާ ކުރައްވައިފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ސުޖާ ވިދާޅުވީ، އިސްތިއުފާ ދިނީ އަމިއްލަ މަސައްކަތްތަކުގައި މާބުރަކޮށް މިހާރު އުޅޭން ޖެހުމުން އެސޯސިއޭޝަނަށް ވަގުތު ނުދެވޭތީ ކަމަށެވެ.

"މިހާރު މަސައްކަތްތައް ހުރިގޮތުން އެސޯސިއޭޝަނަށް ދެވޭ ވަގުތު މަދު. އެކަން އަޅުގަނޑު ދިޔައީ އެކްސްކޯ އާ ވެސް ހިއްސާ ކުރަމުން،" ކުރިން ޕެންޝަން އޮފީހުގައި މަސައްކަތް ކުރެވި ސުޖާއު ވިދާޅުވި އެވެ. "އަމިއްލަ މަސައްކަތްތަކުގައި އުޅޭތީ އޭރު ދެވުނު ވަގުތު އެސޯސިއޭޝަންގެ މަސައްކަތަށް މިހާރު ނުދެވޭ. ޓީޓީގެ މަގާމުން ވަކިވިިއަސް ޓީޓީ އެސޯސިއޭޝަނާ އޮންނަ ގުޅުން ކުޑައެއް ނުވާނެ. ޓީޓީ މަސައްކަތްތަކުގައި ވީ ވަރަކުން ބައިވެރިވާނަން."

އެސޯސިއޭޝަންގެ އެންމެ ފަހު އިންތިހާބުގެ މައްސަލަ ހޫނުވެ، އިންތިހާބު މައްސަލައިގައި ކޯޓަށް ދިއުމުން، އެސޯސިއޭޝަންގެ ފަރާތުން އެކަމާ ގުޅުން ހުރި މައްސަލަތައް އާންމުންނަށް ސާފު ކޮށްދިނުމަށް ސުޖާ ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އަދި ދުނިޔޭގެ ޓީޓީ ފެޑްރޭޝަން (އައިޓީޓީއެފް) އާ ހަމައަށް މައްސަލަ ގެންގޮސް ސުލުހަވެރި ގޮތެއްގައި އިންތިހާބުގެ ކަންކަން ނިންމާލުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އޭނާގެ ޖެނަރަލް ސެކެޓްރީ ކަމުގެ ދަށުން، ރާއްޖޭގައި އިންޓަނޭޝަނަލް ދެ މުބާރާތް ބޭއްވިއިރު އެ ދެ މުބާރާތުގެ އިންތިޒާމުތަކުގައި އެންމެ ކުރީ ސަފުން ފެނިވަޑައިގެންނެވީ ސުޖާ އެވެ. ރާއްޖޭގައި 2017 ގައި ބޭއްވި ސައުތު އޭޝިއާ "ހޯޕްސް ވީކް" އާއި 2018 ގައި ބޭއްވި ޖޫނިއާ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕްގެ އިންތިޒާމުތަކުގައި ސުޖާ ވަނީ މުހިންމު ދައުރެއް އަދާ ކުރައްވައިފަ އެވެ.

ޖެނަރަލް ސެކެޓްރީއެއްގެ ގޮތުގައި ސުޖާ ކުރެއްވި މަސައްކަތް ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ފާހަގަ ކުރެއްވި އެވެ.

"މުހިންމު ޕްރޮޖެކްޓްތަކެއް ކާމިޔާބުކަމާ އެކު ގެންދިއުމަގައި ސުޖާ ކުރެއްވި މަސައްކަތް އަހަރެމެން ފާހަގަ ކުރަނީ ޝުކުރުވެރި ކަމާއެކު އެވެ." އަލީ ރަޝީދު ނެރުވި ބަޔާނުގައިވެ އެވެ. "އެސޯސިއޭޝަނާ ގުޅިވަޑައިގެން އޭނާ ކުރެއްވި މަސައްކަތާމެދު މި އެސޯސިއޭޝަނުން ފަހްރުވެރި ވެއެވެ."