03 މެއި 2021 - 13:56

މީގެ ނުވަ އަހަރު ކުރިން އަނބިމީހާ އަށް އެކި ފަހަރު މަތިން އަނިޔާކުރި މީހަކު 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ރ. އަތޮޅުގެ އެ މީހާ ޖޫރިމަނާ ކުރަން ހުކުމްކުރީ 2011 އިން ފެށިގެން 2012 އާ ދެމެދު އޭނާ ކައިވެނި ކޮށްގެން އުޅުނުއިރު، އޭނާގެ އޭރުގެ އަނބިމީހާ އަށް އެކި ފަހަރު މަތިން އަނިޔާކުރި މައްސަލައެއްގަ އެވެ. އެ މީހާގެ މައްޗަށް ދައުލަތުން ކުރީ މާރާމާރީ ހިންގުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ކައިވެނި ކޮށްގެން އުޅުނުއިރު، ގައިގައި ތެޅުމުގެ އިތުރުން އިސްތަށިގަނޑުގައި ހިފައި ދެމުމާއި ކޮއްޕައި އަދި ކޮޅުފައިން ޖެހުން ފަދަ ކަންކަން އެ ފިރިހެންމީހާ ކުރި ކަމަށެވެ. އަދި ބަނޑުމައްޗަށް ފައިން އެރުމުގެ އިތުރުން މޫނުމަތީގައި ޖެހުމުގެ ސަބަބުން ލޯ ކައިރި ފަޅައިގެންދިޔަ ކަން އަންހެންމީހާގެ ހެކިބަހުން އެނގޭ ކަމަށް ހުކުމުގައި ބުންޏެވެ. އަނިޔާކުރި މަންޒަރު އެހެން ބައެއް މީހުންނަށް ފެނުނު ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ.
ހުކުމުގައި ވަނީ އޭރު އަމަލުކުރި ގާނޫނުލްއުގޫބާތުގައި މާރާމާރީ ހިންގުމުގެ ކުށަށް އޮންނަ އެންމެ ބޮޑު އަދަބަކީ ހަ މަހަށް ޖަލަށްލުން ކަމަށް ވިޔަސް، މިހާރު އަމަލުކުރާ ގާނޫނުލްއުގޫބާތުގެ ދަށުން އެ ކުށަށް ދެވޭ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށެވެ. މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށް ވެފައި، އެއީ ވަޒީފާ އަދާކުރާ މީހަކަށް ވާތީ އެކަންކަމަށް ރިއާޔަތްކޮށް، އަދަބުގެ ބާވަތް ޖޫރިމަނާ އަށް ބަދަލު ކުރީ ކަމަށް ހުކުމުގައިވެ އެވެ.
ގާޒީ ހަސަން ސައީދު ކުރެއްވި ހުކުމުގައި އަންގާފައިވަނީ 21،600ރ. އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.