މައިކްރޮސޮފްޓްގެ ކެލިބްރީ ފޮންޓް ދޫކޮށްލަނީ
މައިކްރޮސޮފްޓްގެ ކެލިބްރީ ފޮންޓް ދޫކޮށްލަނީ

މައިކްރޮސޮފްޓުން ބޭނުން ކުރަމުން އަންނަ ޑިފޯލްޓް ފޮންޓް ކެލިބްރީ އަށް 15 އަހަރު ފަހުން ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

މި މައިކްރޮސޮފްޓް 365 އަށް ބަދަލު ގެންނާތީ އެކަމަށް އާންމުންގެ ހިޔާލު ވެސް ހޯދަން މިހާރު ވަނީ ފަށައިފަ އެވެ. މި ގެންނަ ބަދަލާ އެކު ވޯޑާއި އައުޓްލުކް ފަދަ އެއްޗެހީގައި ބޭނުންކުރާ ފޮންޓްތަކަށް ބަދަލު އަންނާނެ އެވެ.

އެގޮތުން މައިކްރޮސޮފްޓުން ވަނީ ފަސް ޑިފޯލްޓް ފޮންޓެއް ހާއްސަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެނޮރައިޓް، ސްކީނާ، ސީފޯޑް، ގްރޭންޑްވިއު އަދި ބިއާސްޓަޑް އެވެ. މި ފޮންޓްތަކާ ބެހޭ އިތުރު މައުލޫމާތު މައިކްރޮސޮފްޓްގެ ވެބްސައިޓްގައި ހިމަނާފައި އިރު، ފޮންޓްތައް ހުންނާނެ ގޮތް ވެސް ގެނެސްދީފައި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި 2007 ގައި ބޭނުންކުުރަން ފެށި ކެލިބްރީ އަށް ބަދަލު ގެންނަން ނިންމީ އޭތި މިހާރު މާ ޒަމާންވެ މުސްކުޅިވެއްޖެ ކަމަށް ގަބޫލުކުވޭތީ، ޒަމާނާ ގުޅޭ ތާޒާ އަދި ބޭނުންކުރުމަށާއި ބަލައިލަން ވެސް ރީތި ފޮންޓްތަކެއް ގެނެސްދިނުމުގެ ގޮތުންނެވެ.

އެހެންވެ އަލަށް ގެންނަ ފޮންޓްތަކާ މެދު ގޮތެއް ނިންމާނީ އާންމުންދޭ ހިޔާލުތަކުގެ މައްޗަށްވެސް ބިނާކޮށެވެ.

މައިކްރޮސޮފްޓުން ބުނީ ކެލިބްރީ ފޮންޓް ދޫކޮށްލާނީ އަންނަ އަހަރު ކަމަށާއި އޭގެ ކުރިން މިހާރެކޭ އެއްގޮތަށް އެ ފޮންޓް މައިކްރޮސޮފްޓް އޮފީސް ފޮންޓްތަކުގެ ތެރޭގައި ހިމެނޭނެ އެވެ.