17 ނޮވެމްބަރ 2016 - 12:51

މޮސްކޯ (ނޮވެމްބަރު 17) - ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެމްބަރުކަމުން ވަކިވާން ރަޝިއާ އިން ވެސް ނިންމައިފި އެވެ.
ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީސީގެ މެމްބަރުކަމުން ވަކިވާން އެފްރިކާގެ ބައެއް ގައުމުތަކުން ނިންމާފައި ވަނިކޮށް ރަޝިއާ އިން ވެސް އެ ގޮތަށް ނިންމީ މިނިވަންކަމާ އެކު އައިސީސީ އަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނެ އެވެ. ރަޝިއާ އަކީ ދުނިޔޭގެ އަސްކަރީ އަދި އިގްތިސާދީ ބޮޑެތި ބާރެއް ގޮތުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އައިސީސީގެ މެމްބަރުކަމުން ވަކިވާން ނިންމި ފުރަތަމަ ގައުމެވެ.
މީގެ އިތުރުން އައިސީސީގެ 14 އަހަރުވީ ތާރީީޚުގައި މާ ބޮޑު މަސައްކަތްތަކެއް އެ ކޯޓަށް ކުރެވިފައި ނެތް ކަމަށް ރަޝިއާ އިން ބުނެ އެވެ.
"އެ ކޯޓުގެ 14 އަހަރުވީ ތާރީޚުގައި އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ވެސް އިއްވިފައިވަނީ އެންމެ ހަތަރު ހުކުމެއް،" ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ނިންމެވުމަކާ ގުޅިގެން އައިސީސީން ވަކިވާން އެ ގައުމުން ނިންމީ ކްރައިމިއާގެ މައްސަލާގައި ރަޝިއާ އިން އަމަލުކުރާ ގޮތަށް އައިސީސީން ފާޑު ކިޔާފައި ވަނިކޮށެވެ. އަދި ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ރަޝިއާ އިން ބައިވެރިވެ، ކުރަމުންދާ މަސައްކަތަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ފްރާންސުން ސިފަކޮށްފައި ވެސް ވަނިކޮށެވެ.
ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު އަމަލުތައް ބެލުމަށް 2002 ގައި އުފެއްދި އައިސީސީގައި 124 ގައުމު ހިމެނެ އެވެ. އެކަމަކު ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ގޮތުގައި ބަލަމުންދާ އެމެރިކާއަކީ އެ ކޯޓުގެ މެމްބަރެއް ނޫނެވެ.
އައިސީސީގެ މެމްބަރުކަމުން ވަކިވާން އެފްރިކާގެ ތިން ގައުމަކުން ވެސް ކުރިން ވަނީ ނިންމައިފަ އެވެ. އެފްރިކާގެ ލީޑަރުންނަށް އަމާޒުކޮށްގެން ޝަރީއަތް ހިންގަމުންދާ ކަމަށް ބުނެ އައިސީސީން ވަކިވާން ނިންމީ ދެކުނު އެފްރިކާ އާއި ގެމްބިއާގެ އިތުރުން ބުރުންޑީ އެވެ.