04 ޖޫން 2016 - 06:13

ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ނެދަލެންޑްސްގެ ޔޫރީ ޒޫން ބައިވެރިވާ "ރާޅު ގުޑި" ކައިޓް ސާފިން ހަރަކާތް މާދަމާ ކ. މާފުށީގައި ފަށާނެ އެވެ.
މި ހަރަކާތަކީ މާފުށީ ޑައިވާސް އެންޑް ވޯޓާ ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ޔޫރީގެ ހަރަކާތްތައް ދައްކާލުން އޮންނާނީ މަދާމާ އެވެ. އެއަށް ފަހު އަންނަ މަހު 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާނީ ކައިޓް ސާފިން ކްލިނިކެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ކައިޓް ސާފިން ކްލިނިކްގައި ރަޖިސްޓްރީވުމަށް މާފުށި ޑައިވާސް އެންޑް ވޯޓާ ސްޕޯޓްސްގެ ނަންބަރު 9911116 އަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް ހަރަކާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެ އެވެ.
ޒުވާން އުމުރުގައި ޔޫރީ ވަނީ ކައިޓް ސާފިން ފަދަ އާދަޔާ ހިލާފު ހުނަރު ދައްކާލާ ކުޅިވަރުތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ވިންޑްސާފިން، ބީއެމްއެކްސް އަދި ކައިޓް ސާފިން އިން ގިނަ ބަޔެއް ހައިރާން ކުރަނިވި ހަރަކާތްތަކެއް ދައްކާފައިވާ ޔޫރީ އަކީ މި ދާއިރާގައި މަގުބޫލު ބްރޭންޑެކެވެ.
ޔޫރީގެ ކެރިއަރުގައި އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ 2007 އާއި 2008 ވަނަ އަހަރުގެ ސީޒަނުގަ އެވެ. ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން މި ދެ އަހަރު އޭނާ ހުންނާނީ ޖެހުނީ ސާފިންއާ ދުރުގަ އެވެ. އަނިޔާގެ ސަބަބުން ކެރިއަރު ނިމުމުގެ ބިރު ހީވި އެވެ. ނަމަވެސް އަނިޔާއިން ރަނގަޅުވެ އެނބުރި އައިސް ޔޫރީ ވަނީ 2009 ވަނަ އަހަރުން ފެށިގެން ކުރީގެ ހުނަރު އަލުން ތަކުރާރު ކުރަން ފަށައިފަ އެވެ. އަދި އޭނާ ވަނީ 2011 އާއި 2012 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
"ރާޅު ގުނޑި" ހަރަކާތަކީ ކައިޓް ސާފިން ރާއްޖޭގައި ޕްރޮމޯޓްކުރުމުގެ ގޮތުން މާފުށި ޑައިވާސް އެންޑް ވޯޓާ ސްޕޯޓްސް އިން ކުރިޔަށްގެންދާ ހަރަކާތެކެވެ. މުސްތަގުބަލުގައި ބައިނަލް އަގްވާމީ އެތުލީޓުންނާ އެކު މި ކްލިނިކް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމުގެ ވިސްނުން މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން ގެންގުޅެ އެވެ.
މި ހަރަކާތުގެ ޕާޓްނަރުންނަކީ ސްލޯޓޭޕް، ސީ ގިއާ، މޯލްޑިވްސް - ސަނީ ސައިޑް އޮފް ލައިފް، ވިޒިޓް މޯލްޑިވްސް އިޔާ 2016، ކާނި ހޮޓެލްސް، އައިކޮމް ކޮމްޕެނީ، ރެހެންދި ރެސްޓޯރެންޓް އަދި ސަންޓަން ބީޗް އެވެ