ފުރަތަމަ ކުއާޓާގައި އެމްޓީސީސީ އަށް 61.6 މިލިއަން ރުފިޔާގެ ފައިދާ
ފުރަތަމަ ކުއާޓާގައި އެމްޓީސީސީ އަށް 61.6 މިލިއަން ރުފިޔާގެ ފައިދާ

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 61.67 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު އަށް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 52.98 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ލިބުނު ފައިދާ ވަނީ 16.4 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި 62.3 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައި ވަނީ 72.5 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ ކުއާޓާލީ ރިޕޯޓު ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަގައި 423 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 353.53 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި އެ ކުންފުނިން ވަނީ އުމްރާނީ ތަރައްގީގެ 77 މަޝްރޫއެއްގެ މަސައްކަތް ކޮށްފަ އެވެ. މީގެ ތެރެއިން ފަސް މަޝްރޫއެއްގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފަ އެވެ. އަދި 15 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއާޓާގައި ވަނީ ފަށައިފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީގެ ފައިދާ އިތުރުވެފައިވާއިރު މިދިޔަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އަހަރެވެ. އެގޮތުން، ކޮވިޑް-19ގެ ހާލަތުގައި ވެސް އެ ކުންފުންޏަށް ވަނީ 109.7 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފަ އެވެ.