މަހާރަޝްތިރާ ކޮވިޑް ފަންޑަށް ލަތާ މަންގޭޝްކަރް 7 ލައްކަ ރުޕީސް
މަހާރަޝްތިރާ ކޮވިޑް ފަންޑަށް ލަތާ މަންގޭޝްކަރް 7 ލައްކަ ރުޕީސް

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދަވް ތާކްރީ ހުޅުވާފައިވާ ކޮވިޑް ފަންޑަށް، މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ހަތް ލައްކަ ރުޕީސް ހަދިޔާކޮށްފި އެވެ.

ލަތާގެ ފަރާތުން ލިބުނު އެހީ އަށް ޝުކުރު އަދާކޮށް ޑިރެކްޓަރު ޖެނެރަލް އޮފް އިންފޮމޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް (ޑީޖީއައިޕީއާރް) އިން ޓްވީޓް ވެސްކޮށްފައިވެ އެވެ.

އެތަނުން ވަނީ ޗީފް މިނިސްޓަރުގެ ކޮވިޑް ފަންޑަށް ވީހާ ވެސް ގިނަ ބަޔަކު އެހީ ދިނުމަށް އެދިފަ އެވެ. މިހާރު ވެސް އިންޑިއާގެ ވަރަށް ގިނަ ފަންނާނުން ފަންޑަށް ފައިސާ ހަދިޔާކޮށްފައިވެ އެވެ.

ފަންޑްގެ ބޭނުމަކީ ކޮވިޑްގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކާއި ބައްޔާ ގުޅިގެން ހޯދަން ޖެހޭ ވަސީލަތްތައް ހޯދުމަށް ބޭނުންވާ ފައިސާ އެއްކުރުމެވެ.

ޗީފް މިނިސްޓަރުގެ ފަންޑަށް 91 އަހަރުގެ ލަތާ ފައިސާ ހަދިޔާކުރި އިރު އޭނާ އަކީ އަބަދުވެސް ބޮޑެތި ކަންކަމާ ގުޅިގެން އެހީދެމުން އަންނަ ފަންނާނެކެވެ. ލަތާ އަކީ އިންޑިއާ ދުށް އެންމެ ކުޅަދާނަ އަންހެން ލަވަކިޔުންތެރިޔާ އެވެ. އޭނާ އެތަކެއް ހާސް ލަވައެއް މިހާތަނަޑް ރެކޯޑްކޮށްފައިވެ އެވެ.

މުސްކުޅިވުމުގެ ސަބަބުން މިހާރު ލަވަކިޔުމާ ތަންކޮޅެއް ދުރުގައި އުޅުނަސް ލަތާ އަކީ މިހާރު ވެސް ހާއްސަ މުނާސަބުތަކާ ގުޅިގެން ލަވަ އަލްބަމް ނެރޭ ފަންނާނެކެވެ. މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އާޝާ ބޯސްލޭ، 87، އާއި އޫޝާ މަންގޭޝްކަރް، 85، އަކީ ލަތާގެ ކޮއްކޮއިންނެވެ.