ސިންތެޓިކް އެތުލެޓިކްސް ޓްރެކުގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެ
ސިންތެޓިކް އެތުލެޓިކްސް ޓްރެކުގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ ބައިނަލްއަގްވާމީ އެތުލެޓިކްސް ސިންތެޓިކް ޓްރެކުގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

ސިންތެޓިކް އެތުލެޓިކްސް ޓްރެކުގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެ
ސިންތެޓިކް އެތުލެޓިކްސް ޓްރެކުގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެ

ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެހީތެރިކަމާ އެކު އަޅާ ޓްރެކުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި އަންނަ ޑިސެމްބަރު ފަހުކޮޅު ނުވަތަ ޖެނުއަރީ ކުރީކޮޅު މަސައްކަތް އެއްކޮށް ނިމި ހުޅުވޭނެ ކަމަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ މަސައްކަތް ކުރިއަށްދާ ގޮތް އެސޯސިއޭޝަނުން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ.

"މިހާރު އަޅަމުން އަންނަ ލޭޔަރު ނިމުމާ އެކު އެންމެ ފަހުގެ ލޭޔާ އަޅާނީ. އެއަށް ފަހު އޭގެ މަތީގައި މެޓް އަޅާނީ. ޑިސެމްބަރު ފަހުކޮޅަށް ނިމޭނެ ކަމަށް ބެލެވެނީ،" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ޓްރެކް ނިމުމާ އެކު ބައިނަލްއަގްވާމީ މުބާރާތްތަކަށް ތައްޔާރުވުމަށާއި ލޯކަލް މުބާރާތްތައް ބާއްވަން ބޭނުންކުރާނީ އެ ޓްރެކް ކަމަށާއި އެއާ އެކު އެ ކުޅިވަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

"ޓްރެކުގެ ބޭނުން އަޅުގަނޑުމެން ކުރާނަން ރާއްޖޭގެ މުބާރާތްތައް ބާއްވަން އަދި ބޭރުގެ މުބާރާތްތަަކަށް ތައްޔާރުވުމަށް ތަމްރީންތައް ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ އެތުލެޓިކްސް މުބާރާތްތައް ބޭއްވިގެންދާނީ ސިންތެޓިކް ޓްރެކުގައި،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އަންނަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ ފައިނަލަށް ދަތުރުކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެޅިގެންދާނެ ބޮޑު ބާރެއް ކަމަށެވެ. އަދި ސިންތެޓިކް ޓްރެކާ އެކު މި ކުޅިވަރުން ކުރިއަށްދާން ބޭނުންވެފައި ތިބި ކުދިންނަށް ހިތްވަރު ލިބި އަދި އެތުލެޓިކްސްގައި ބައިވެރިވާ ކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ޖުމްލަކޮށް މުޅި ރާއްޖޭގެ ކުޅިވަރަށް ލިބޭ ކުރިއެރުމެއް. މިއީ ސަރުކާރުން ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ކޮށްދޭ މުހިއްމު ކަމެއް. މިކަން ދިވެހި ކުޅިވަރު އާއިލާއިން ވަރަށް ބޮޑަށް ބަލައިގަނޭ،" ތޮލާލް ވިދާޅުވި އެވެ.

ސިންތެޓިކް ޓްރެކް އަޅަނީ ހުޅުމާލޭގެ އުތުރުކޮޅުގައި، އާއްމުން މިހާރު ފުޓްބޯޅަ ކުޅެން ބޭނުންކުރާ ސަރަހައްދުގަ އެވެ. ކުޅިބެލޭނެ އިންތިޒާމްތަކާ އެކު ބައިނަލްއަގްވާމީ ފެންވަރަށް ހަދާ މި ޓްރެކުގެ އެތެރޭގައި ފުޓްބޯޅަ ދަނޑެއް ވެސް އޮންނާނެ އެވެ. އެތަން އާއްމުކޮށް ބޭނުންކުރާނީ އެތުލެޓިކްސްގެ ފީލްޑް އިވެންޓްތައް ބޭއްވުމަށެވެ.

މާލޭ ކުޅިވަރު އެކުވެނީގެ ވެލި ޓްރެކުގައި ޕްރެކްޓިސްކޮށް އަދި މުބާރާތްތަކުގައި ވާދަކުރަން ޖެހުމަކީ އެތުލީޓުންނަށް ކުރިމަތިވެފައިވާ އުނދަގުލެކެވެ. އެކަމަކު ރާއްޖޭގެ ބޭރުގެ ތަމްރީންތަކާ އެކު ދިވެހި އެތުލީޓުން އަންނަނީ ފަހަކަށް އައިސް ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން ރާއްޖޭގެ ހަސަން ސާއިދު ވަނީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ވެސް ޒުވާން ގިނަ އެތުލީޓުން އަންނަނީ ބޮޑެތި ކުރިއެރުން ހޯދަމުންނެވެ.

އެތުލެޓިކްސް ޓްރެކަކާއި ސްވިމިން ޕޫލެއް ނެތުމުގެ ޝަކުވާ އެ ދެ ކުޅިވަރު އެސޯސިއޭޝަނުން ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްވަނީ ވެފަ އެވެ. އެގޮތުން 90ގެ ކުރީކޮޅުން ފެށިގެން ޓްރެކަކާއި ޕޫލެއް އެޅުމަށް ތަފާތު މަސައްކަތްތައްކޮށް ވަނީ ކުރިއަށް ނުގޮސްފަ އެވެ.