އެއް ވަނައިގައި މާޒިޔާއިން ބޮޑު ލީޑެއް ނަގައިފި
އެއް ވަނައިގައި މާޒިޔާއިން ބޮޑު ލީޑެއް ނަގައިފި

ކްލަބު އީގަލްސްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ އެއް ވަނައިގައި މާޒިޔާއިން ބޮޑު ލީޑެއް ނަގައިފި އެވެ.

މިރޭ ކުޅުނު މެޗާއެކު، ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ވަނީ ނިމިފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ، ދެ ވަނައިގައި އޮތް ވެލެންސިއާގެ މައްޗަށް ނުވަ ޕޮއިންޓްގެ ލީޑަކާ އެކު އެވެ. މާޒިޔާއިން ވަނީ ޖުމުލަ 34 ޕޮއިންޓް ހޯދާފަ އެވެ. ވެލެންސިއާއަށް ލިބިފައި ވަނީ 25 ޕޮއިންޓެވެ.

މާޒިޔާއިން ލީޑް ނެގީ މެޗުގެ 26 ވަނަ މިނެޓްގައި ޓަކާށީ އޮޑަވާރާ ޖެހި ލަނޑުންނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ކޯނަރު އޮޑަވާރާ ވަނީ ބޮލުން ގޯލޫގެ ތެރެއަށް ވައްދާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ވަނީ މާޒިޔާ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

ފުރަތަމަ ހާފުގެ 45 މިނެޓް ހަމަވެ އިތުރަށް ދެއްކި ދެ މިނެޓްގެ ތެރެއިން ފުރަތަމަ މިނެޓްގައި އިއްބެ ލަނޑު ޖެހީ، ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ބޯޅަ އީގަލްސްގެ ލުބުނާންގެ ކީޕަރު ތޯހާ ދިފާއު ކުރުމުން ރީބައުންސަށް ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ކޯނޭ ބޯޅަ ދިނުމަށް ފަހު އިއްބެ ވަނީ އޭރިއާ ތެރެއަށެވެ. ކޯނޭއަށް ހުރަސް އަޅަން އީގަލްސްގެ ޑިފެންޑަރުން މަސައްކަތް ކުރުމުން، ކޯނޭ ވަނީ އެ ބޯޅަ ގޯލަށް އަމާޒުކޮށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ތޯހާ ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ އިއްބެ ވަނީ ގޯލްގެ ތެރެއަށް އޮއްސާލައިފަ އެވެ. ބޯޅަ ގޯލްތެރެއަށް ވަނީ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑަކީ، ހަމްޕުގެ އިންޑަވިޖުއަލް މޮޅުކަން ފެނިގެން ދިޔަ މޮޅު ލަނޑެކެވެ. މެޗުގެ 53 ވަނަ މިނެޓްގައި އީގަލްސްގެ ހާފުގެ ތެރެއިން އަރިމަތިން އޮޑަވާރާ ހަމްޕު އަށް ނަގައިދިނީ ފަޅި ބަދަލު ކޮށްލުމުގެ ގޮތުންނެވެ. އެ ބޯޅަ ހިފައިގެން ހަމްޕު އޭރިއާ އާ ހަމައަށް ގޮސް އީގަލްސްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލައި، އޭރިއާގެ ތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން ދިޔައިރު ކީޕަރު ތޯހަ ހުރެވުނީ ތައްޔާރުނުވެ އެވެ. ބޯޅައަށް އޭނާ ޑައިވް ކުރި ނަމަވެސް އޭނާ އަތުގައި ބޯޅަ ލައްވައެއް ނުލި އެވެ.

ހަތަރު ވަނަ ލަނޑު ކޯނޭ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން މެޗުގެ 67 ވަނަ މިނިޓުގަ އެވެ. އެ ޕެނަލްޓީ އަކީ އީގަލްސްގެ އޭރިއާގެ ތެރެއިން، މާޒިޔާގެ އިއްބެ އަށް، އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.