ނަންބަރު އޮވެ، އެތައް ބަޔަކަށް ވެކްސިން ނުޖެހުނު މައްސަލަ ހޫނުވެއްޖެ
ނަންބަރު އޮވެ، އެތައް ބަޔަކަށް ވެކްސިން ނުޖެހުނު މައްސަލަ ހޫނުވެއްޖެ

ސޯޝަލް ސެންޓަރު ވަށައި އެތައް ބަޔަކު ނަންބަރު ނަގައިގެން ކިޔޫގައި ތިއްބާ، ނަންބަރު ޖެހެން ވާއިރަށް ވެކްސިން ހުސްވެއްޖެ ކަމަށް ބުނެ ވެކްސިން ޖެހުން މެދުކަނޑާލުމާ އެކު މައްސަލަ ހޫނުވެއްޖެ އެވެ.

ނަންބަރު އޮވެ، އެތައް ބަޔަކަށް ވެކްސިން ނުޖެހުނު މައްސަލަ ހޫނުވެއްޖެ
ނަންބަރު އޮވެ، އެތައް ބަޔަކަށް ވެކްސިން ނުޖެހުނު މައްސަލަ ހޫނުވެއްޖެ

މިރެއަކީ، ސޯޝަލް ސެންޓަރަށް އެންމެ ބާރުބޮޑު ރޭ ވެސް މެ އެވެ. މިއަދު ހަވީރު ފަހެއް ޖެހީއްސުރެ ސޯޝަލް ސެންޓަރު ކައިރީގައި ވަނީ ކިޔޫތައް ދަމާލައިފަ އެވެ.

މިރޭ 7:30 ހާއިރުން ފެށިގެން ކިޔޫގައި ހުރި މީހަކު، އޭނާ އަށް ލިބުނު 2348 ނަންބަރު ދައްކާލަމުން ބުނީ ނަންބަރު ޖެހެން ވާއިރަށް ވެކްސިން ޖެހުން ހުއްޓާލައިފި ކަމަށެވެ.

"މި ނަންބަރުގެ ކުރިން ހައެއްކަ ނަންބަރު ކުރިން ވެކްސިން ޖެހުން މެދުކަނޑާލައިފި،" އޭނާ ބުންޏެވެ.

ވެކްސިން ޖެހުން މެދުކަނޑާލި އިރު، ވަރަށް ގިނަ ބަޔަކު ކިޔޫގައި ތިއްބެވެ. އެހެންވެ، ބައެއް މީހުން ހިތްހަމަނުޖެހިގެން ސޯޝަލް ސެންޓަރު ތެރެއަށް ވަންނަން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު ސޯޝަލް ސެންޓަރުގެ ދޮރުތައް ކައިރީގައި ފުލުހުން ތިބީ ތައްޔާރީ ހާލަތުގަ އެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މިތަނުން އެކަނި ވެސް ކޮންމެ ރެޔަކު 900 މީހުންނަށް ވެކްސިން ޖަހައިދޭ ކަމަށް އިއުލާންކޮށްފައި އެބައޮތް. އެކަމަކު 2000 އިން ފެށިގެން ނަންބަރު ދޫކުރާއިރު 348 އާ ހަމައަށް ދާއިރު ވެކްސިން ހުސްވާން ވީ ކީއްވެގެންތޯ،" އޭނާ އެހި އެވެ.

ސޯޝަލް ސެންޓަރުގައި ބާރުބޮޑުވެގެން އުޅެނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ދިޔަ މީހުން ގިނަވެގެންނެވެ. ރާއްޖެ އަށް ފަހުން ގެނައި 100،000 ޑޯޒްގެ ވެކްސިންގެ ދެން ބާކީ ހުރީ ވަރަށް މަދު އަދަދެއް ކަމަށް ވެ އެވެ. އެހެންވެ ބައެއް ހޮސްޕިޓަލްތަކުން މިހާރު ވެސް ދެ ވަނަ ޑޯޒް ޖެހުން ވަނީ ހުއްޓާލައިފަ އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ ސޯޝަލް ސެންޓަރުގައި މިރޭ ދިމާވެފައިވާ މައްސަލައަކީ އިތުރަށް ނަންބަރު ދޫކުރުމުގެ މައްސަލައެކެވެ. އޭނާ ވިދާޅުވީ ކޮންމެ ސެންޓަރަކުން ވެސް ވެކްސިން ޖަހަން ކޮންމެ ރެއަކު ވެސް ނަންބަރު ދޫކުރާނީ ވަކި އަދަދަކަށް ކަމަށެވެ.

"ނަންްބަރު ލިބިފައި ވެކްސިން ނުޖެހި ތިބި މީހުންގެ ފޯމްތައް ފުރައި، މާދަމާ ރޭ އެ މީހުންނަށް އިސްކަން ދީގެން ވެކްސިން ޖަހާނެ،" އޮފިޝަލް ވިދާޅުވި އެވެ.