02 މެއި 2021 - 23:19

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ގެ 508 ކޭސް ރާއްޖޭން ފެނިއްޖެ އެވެ. މިއީ، ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެތުރުނު ފަހުން އެއް ދުވަހަކާ އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނުނު ދުވަހެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް 3،523 ސާމްޕަލް ޓެސްޓުން ފެނުނު ކޭސްތައް ކަމަށެވެ. އެހެންވެ މިއީ ޓެސްޓްކުރި ކޮންމެ 100 އިން 14.4 ޕޮޒިޓިވް ވުމެވެ.
އާ ކޭސްތަކުގެ ތެރޭގައި މާލެ ސަރަހައްދުން 276 މީހަކާއި އެކި ރަށްރަށުން 185 މީހަކާއި ރިސޯޓުތަކުން 12 އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުން 32 މީހެއްގެ އިތުރުން ސަފާރީތަކުން ތިން މީހަކު ހިމެނެ އެވެ.
މިދިޔަ ފަސް ދުވަސް ތެރޭ 2،157 މީހަކު ވަނީ ކޮވިޑަށް އަލަށް ޕޮޒިޓިވް ވެފަ އެވެ. އެއީ މިދިޔަ މަހު 28 އިން ފެށިގެން، 464، 318، 465، 402 އަދި މިއަދު 508 ކޭހެވެ.
ބަލީގެ ހާލަތު ކޮންޓްރޯލުގައި އޮތުމަށް ފަހު ފާއިތުވި ހަފުތާގެ ތެރޭގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން ރިކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އެއް ދުވަހުން އަނެއް ދުވަހަށް، ބަލި ޖެހޭ މީހުން ގިނަވުމެ އެކްޓިވް ކޭސްތައް ވެސް 5،000 އަށް ވުރެ ވަނީ އިތުރުވެފަ އެވެ.
މި ވަގުތު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑްގެ 5،594 އެކްޓިވް ކޭސް ހިމެނެ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 172 މީހަކަށް ފަރުވާދެ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 134 މީހަކު ބަލިން ރަނގަޅުވެފައި ވެ އެވެ.
ބަލިޖެހޭ މީހުން ގިނަވުމުން، ބަލި ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ މީހުން އަންނަނީ އިތުރުވަމުންނެވެ. އަދި ހާއްސަކޮށް، ރަށްރަށުގައި ސިއްހީ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ނެތް އިރު އެ ރަށްރަށުގައި ބަލި އިތުރުވަމުން ދާތީ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.
އެޗްޕީއޭ އިން މިއަދު ވަނީ މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކުގައި، ޒަރޫރީ ބޭނުންތަކުގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފަ އެވެ. ކޮވިޑް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް މަޑުމަޑުން ހަރުކަށިކުރަމުން އަންނައިރު، ރައީސް އޮފީހުގައި މިރޭ އޮތް ޕްރެސް ބްރީފިންގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ބަލި ކޮންޓްރޯލްކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.