އީރާނުގެ "މެސީ" ސަރްދާރުގެ ޑިމާންޑް ބޮޑުވެއްޖެ
އީރާނުގެ "މެސީ" ސަރްދާރުގެ ޑިމާންޑް ބޮޑުވެއްޖެ

މޮސްކޯ، ރަޝިއާ (ނޮވެމްބަރު 18) - ރަޝިއާގެ އެފްސީ ރޮސްޓޯވް އަށް ކުޅެމުން އަންނަ އީރާނުގެ މެސީގެ ނަމުން މަޝްހޫރުވެފައިވާ ސަރްދާރް އަޒްމޫން ގަންނަން ޔޫރަޕްގެ ގިނަ ކްލަބްތަކުން މަސައްކަތް ފަށައިފި އެވެ.

އީރާނުގެ "މެސީ" ސަރްދާރުގެ ޑިމާންޑް ބޮޑުވެއްޖެ
އީރާނުގެ "މެސީ" ސަރްދާރުގެ ޑިމާންޑް ބޮޑުވެއްޖެ

އުމުރުން 21 އަހަރުގެ ސަރްދާރް ވަނީ ފާއިތުވި އަހަރުތަކުގައި ރަޝިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ ރުބިން ކަޒާން ދޫކޮށް މިދިޔަ ސީޒަނުގައި ރޮސްޓޯވް އަށް ބަދަލުވި ފަހުންނެވެ. މިދިޔަ ސީޒަނުގައި ކުޅުނު 25 މެޗުން ސަރްދާރް ވަނީ 12 ލަނޑު ޖަހައި އަށް ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ރޮސްޓޯވް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާއިރު، އެ ޓީމަށް ލިބުނު ހަމައެކަނި ޕޮއިންޓު ލިބިފައިވަނީ ސަރްދާރް ޖަހައިދިން ލަނޑަކުންނެވެ. ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ރޮސްޓޯވްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ސަރްދާރް އެވެ.

ސަރްދާރްގެ އޭޖެންޓް މެހްދީ ހަގިތާލީ ބުނީ އޭނާ އަށް ޔޫރަޕްގެ ގިނަ ކްލަބްތަކުގެ ހުށަހެޅުން ލިބެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތައް ހިމެނޭ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ސްޕެއިނުގެ ސެވިއްޔާ އާއި އެތުލެޓިކް ބިލްބާއޯ އަދި އިންގްލެންޑްގެ އެވަޓަން އަދި ވެސްޓް ހޭމް ޔުނައިޓެޑްގެ އިތުރުން އިޓަލީގެ ނަޕޯލީ އާއި ލާޒިއޯ އިން އަންނަނީ ސަރްދާރަށް ފާރަލަމުންނެވެ.

އީރާނުގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ވެސް މޮޅު ކުޅުމެއް ދެއްކި ސަރްދާރް ފުރަތަމަ ފަހަރަށް ސީނިއާ ޓީމަށް މެޗެއް ކުޅެދިނީ އޭނާގެ އުމުރުން 18 އަހަރުގަ އެވެ. އޭނާ އަށް ފުރުސަތު ދިނީ ކުރިން ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން މިހާރު އީރާންގެ ކޯޗު ކާލޮސް ކުއެރޯޒް އެވެ. ސަރްދާރް ވަނީ އޭގެ ފަހުން ގައުމީ ޓީމަށް ކުޅެދިން 22 މެޗުން 16 ލަނޑު ޖަހައިފަ އެވެ.

މިދިޔަ ސީޒަނުގައި ރަޝިއާގެ ޕްރިމިއާ ލީގުގެ ޑްރީމް ޓީމުގައި ހިމެނުނު ސަރްދާރް އަކީ ރޮސްޓޯވްގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އެ ކްލަބުން ވަނީ އޭނާ އަށް ބޮޑު ހުށަހެޅުމެއް ލިބިއްޖެނަމަ ވިއްކާލާނެ ކަމަށް ބުނެފަ އެވެ. އެއީ އޭނާގެ ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ ކްލަބުން ބުނެ އެވެ.