11 އަހަރަށް ފަހު ސެރީ އާގެ ޗެމްޕިއަންކަން އިންޓަ ހޯދައިފި
11 އަހަރަށް ފަހު ސެރީ އާގެ ޗެމްޕިއަންކަން އިންޓަ ހޯދައިފި

ސަސުއޯލޯ (02 މެއި) - އެޓަލާންޓާ އަށް ސަސުއޯލޯ އަތުން މޮޅުނުވެވުމުން، ސެރީ އާގެ ޗެމްޕިއަންކަން އިންޓަ މިލާންއަށް ކަށަވަރު ވެއްޖެ އެވެ.

އިންޓައިން ލީގު ޗެމްޕިއަންކަން ހޯދީ 11 އަހަރަށް ފަހު އެވެ. އެ ޓީމުން މީގެ ކުރިން ލީގު ކާމިޔާބު ކުރީ މަޝްހޫރު ހޯޒޭ މޮރީނިއޯގެ ކޯޗުކަމުގައި 2010 ވަނަ އަހަރު އެވެ. ލީގު ޗެމްޕިއަންކަން އިންޓަ ހޯދުމުން ޔުވެންޓަސްއިން ނުވަ އަހަރު ވަންދެން ސެރީ އާގައި ދެމެހެއްޓި ޑޮމިނޭޝަނަށް ވަނީ ނިމުން އައިސްފަ އެވެ.

ޔުވެންޓަސްއިން ޖެހިޖެހިގެން ނުވަ އަހަރު ހޯދި ކާމިޔާބުގައި އެންމެ ފުރަތަމަ ބިންގާ އަޅައި ދިނީ އިންޓައަށް ލީގް ޗެމްޕިއަންކަން ހޯދައިދިން އެންޓޯނިއޯ ކޮންޓޭ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ޖެހިޖެހިގެން ތިން ފަހަރު ޔުވެންޓަސްއަށް ލީގު ޗެމްޕިއަންކަން ހޯދި އެވެ. މިއީ ސެރީ އާގެ ތަށި ކޯޗެއްގެ ގޮތުގައި އޭނާ އުފުލާލި ހަތަރު ވަނަ ފަހަރެވެ.

ބާކީ ހަތަރު މެޗު އޮޮއްވައި އިންޓައިން ލީގު ކާމިޔާބުކުރީ 13 ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު އެވެ. އިންޓަ ކުރިއަށް އޮތް ހަތަރު މެޗުން ބަލިވެ، މިހާރު ދެ ވަނައިގައި އޮތް އެޓަލާންޓާ ކުރިއަށް އޮތް ހަތަރު މެޗުން މޮޅުވިޔަސް އެ ޓީމަށް އިތުރަށް ލިބޭނީ 12 ޕޮއިންޓެވެ. އިންޓަ މިހާރުވެސް ވަނީ 82 ޕޮއިންޓް ހޯދާފަ އެވެ. އެޓަލާންޓާއަށް 69 ޕޮއިންޓެވެ.

ސަސުއޯލާ އާ ދެކޮޅަށް އެޓަލާންޓާ ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ދެ ރަތް ކާޑު ފެނިގެން ދިޔަ މެޗުގައި، އެންމެ ފުރަތަމަ ރަތް ކާޑު ދެއްކީ އެޓަލާންޓާގެ ކީޕަރު ޕިއާލުއީޖީ ގޮލީނީ އަށެވެ. މެޗުގެ 22 ވަނަ މިނެޓްގައި އޭނާ އަށް ރަތް ކާޑު ދެއްކުމުން، ބަދަލު ކީޕަރު މާކޯ ސްޕޯޓެލިއޯ ކުޅެން ނުކުތީ މިޑްފީލްޑާ މަޓޭއޯ ޕެސީނާގެ ބަދަލުގަ އެވެ. ދެ ވަނަ ހާފުގައި ސަސުއޯލޯގެ ޑިފެންޑަރު މާލޯންއަށްވެސް ރަތް ކާޑު ދެއްކި އެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ އެޓަލާންޓާއިންނެވެ. އެ ޓީމުގެ ލަނޑު 32 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮބިން ގޯސެންސް އެވެ. ސަސުއޯލޯއިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. ޕެނަލްޓީ ކާމިޔާބު ކުރީ ޑޮމެނިކޯ ބެރާޑީ އެވެ.