03 މެއި 2021 - 08:59

ދައުލަތުގެ ދަރަނި ބޮޑުވެ އެކަމުން ސަލާމަތް ނުވެގެން އުޅެން ޖެހިފައި އޮތުމަކީ އާ ވާހަކައެއް ނޫނެވެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރާގޮތުން އަބަދު ވެސް އޮންނަނީ ދަރަނިން ސަލާމަތް ވާން އަނެއްކާ ވެސް ދަރަނިި ނަގަން ޖެހޭ ހާލަތަށް ގޮސްފަ އެވެ. ކޮވިޑާ ގުޅިގެން ދައުލަތުގެ ހަރަދު ކުރުމުގެ ގޮތްތަކަށް ބަދަލު ގެނެސްފައިވާ މި ދަނޑިވަޅުގައި ސަރުކާރުން މިވަނީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުން ކޮށްގެން 300 މިލިއަން ޑޮލަރު ((4.6 ބިލިއަން ރުފިޔާ) ގެ ސުކޫކެއް އަރަބިންނަށް ވިއްކައިފަ އެވެ. މި ފައިސާކޮޅުގެ ވެސް 60 ޕަސެންޓް ދެއްކީ ދަރަނި އަދާކުރުމަށެވެ. މިގޮތަށް ބޭރުގެ މާކެޓުތަކަށް ބޮންޑު ނުވަތަ ސުކޫކު ވިއްކައިގެން ދަރަނި ދައްކަން ޖެހުމުން ވެސް ދަރަނި ދެއްކުމުގައި "ނާގާބިލް" ވެފައިވާ މިންވަރު ސާފުވާ ކަމަށް މާލީ ދާއިރާގެ އިސް ފަރާތްތަކުން ފާހަގަކުރެ އެވެ.

މި ވާހަކަތައް ތަފްސީލުކޮށްދިނުމަށް "މިހާރު" އާ ވާހަކަދެއްކެވި ހުރިހާ ފަރާތްތަކުން ވެސް ބޭނުންވީ އެ މީހުންގެ ނަން ހާމަނުކޮށް އެ ވާހަކަތައް ކިޔައިދެއްވާށެވެ.

ރާއްޖޭގެ މާލީ ދާއިރާގެ އިންސްޓިޓިއުޓެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި ކޮވިޑްގެ ހާލަތުގައި ނަމަވެސް ސުކޫކުން 10.5 ޕަސެންޓްގެ ފައިދާއެއް އިންވެސްޓަރުންނަށް ލިބުމަކީ ދައުލަތަށް ލިބޭނެ ގެއްލުމެކެވެ. ސަރުކާރުން ފަސް އަހަރު ފަހުން ސުކޫކަށް 387 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ. މިހާބޮޑު ފައިދާއެއް އިންވެސްޓަރުންނަށް ލިބޭ ގޮތަށް ދައްކާ އިރު އަނބުރާ އިންޓަރެސްޓް ދައްކާ އިރު ދައުލަތުން އިތުރު 1.3 ބިލިއަން ރުފިޔާ ދައްކަން ޖެހުނީ އެވެ.

"މިކަން މިއަށް ވުރެ ރަނގަޅަށް ކުރެވެން ވާނެ. ހީވަނީ މާބޮޑު ޕްލޭނެއް ނެތި އަވަސް އަރުވާލައިގެން އެކަން ކޮށްފަ އޮތް ހެން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް ވެސް ސުކޫކު ވިއްކޭނެ ކަމަށެވެ. މިކަމުން ދައްކުވައިދެނީ މާލީ ކަންކަން ނިންމުމުގައި ނާގާބިލު ވެފައި އޮތްތަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މުސާރަ ލިބެނިކޮށް ފިނޭންސްގެ އިސްވެރިންނަށް ނިމުނީ. މިކަމުން އަސްލު ގައުމަށް އަންނާނެ އިމްޕެކްޓެއް ވިސްނަިފައެއް ނެތް. ދެން އަނެއްކޮޅުން އެ ފައިސާ ބޭނުން ކުރީ ދަރަނި ދައްކަން. ދެން އަނެއްކާ މި ސުކޫކު ދައްކަން ޖެހޭނީ [އަނބުރާ އަދާކުރަން ޖެހޭނީ] އިތުރު ބޮންޑެއް ނޫނީ ސުކޫކެއް ވިއްކައިގެން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދަރަނި އަދާކުރުމުގައި އެއީ ވަގުތީ ހައްލެއް ކަމަށެވެ. ދާއިމީ ގޮތެއްގައި އެގޮތަށް ދަރަނި އަދާކުރާ ނަމަ ގައުމުގެ ތަރައްގީގެ މަސައްކަތްތަކަށް ބުރޫ އަރާނެ ކަމަށެވެ.
ދައުލަތުން 4.5 ބިލިއަން ރުފިޔާގެ ސުކޫކެއް ވިއްކި އިރު އޭގެއިން ގާތްގަނޑަކަށް ތިން ބިލިއަން ހޭދަކުރީ 2017 ވަނަ އަހަރު ސަރުކާރުން ނެގި ފުރަތަމަ ސޮވެރިން ބޮންޑުގެ ރީޕޭމެންޓް އަދާކުރުމަށެވެ. މިކަން މިގޮތަށް ކުރުމުން، ރާއްޖޭގެ އިގްތިސާދީ މަސްރަހު ދިރާސާ ކުރައްވާ އިކޮނޮމިސްޓެއް ވިދާޅުވީ "މިއީ ހަމަ ފޫނެއް ފަޔަށް ފެން ފުރުން" ކަހަލަ ކަމެއް ކަމަށެވެ.
"އިގްތިސާދީ ނަޒަރަކުން ބަލާ ނަމަ ބޮޑެތި އަދަދުތަކުން ފައިނޭންސް ރެއިޒްކޮށްގެން ކުރަން ޖެހޭނީ އޭގެއިން ފައިދާވާ ނުވަތަ ރިޓާން ލިބޭނެ ކަންކަން،" އޭނާ ވިދާޅުވި އެވެ.
ސުކޫކުގެ ބޮޑު ބައި ދަރަނި އަދާކުރުމަށް ހޭދަކުރުމުން އެކަމުން ފެންނަނީ "މިސް މެނޭޖްމެންޓް" ސިފަތައް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިކަން މިހެންވި ނަމަވެސް ކޮންމެ ހާލެއްގައި ވެސް ދަރަނި ދެއްކުމަކީ ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. ސަބަބަކީ ދަރަނި އަދާ ނުކޮށްފި ނަމަ އިތުރަށް ލޯނާއި އެހެނިހެން ގޮތްގޮތުން ފައިނޭންސް ހޯދަން އުނދަގޫވާނެތީ އެވެ.
މި މައްސަލައާ ގުޅުން ހުރި ސުވާލުތަކަށް ފިނޭންސުން އަދި ޖަވާބު ދޭކަށް ބޭނުމެއް ނޫނެވެ.
ކޮވިޑްގެ ހާލަތު އާއި ނަމަވެސް ބޮންޑު މާކެޓުގައި ރޭޓްތައް ވަރަށް ބޮޑަށް ދަށަށް ވަނީ ގޮސްފަ އެވެ. ޔޫއެސް ބޮންޑު މާކެޓުގައި ވެސް ބޮންޑު ރޭޓުތައް މިދިޔަ ފަސް އަހަރު ނުދާހާ ދަށަށް ވަނީ ގޮސްފަ އެވެ. ބޮންޑުގެ ރޭޓް ދަށަށް ދިއުމުގެ އެއް ސަބަބަކީ އިންވެސްޓަރުން ކޮވިޑްގެ މި ހާލަތުގައި އެހެން ގޮތްގޮތަށް ފައިސާ އިންވެސްޓްކުރަން ވިސްނުމެވެ. އަދި ބޮންޑަށް އިންވެސްޓް ކުރާ ވަރު މަދުވުމެވެ.
ރާއްޖޭގެ މާލީ ދާއިރާ ދިރާސާކުރައްވާ ފަރާތަކުން ވިދާޅުވީ، މި ހާލަތުގައި ރާއްޖެއިން ސުކޫކެއް މިހާބޮޑު ރޭޓެއްގައި ވިއްކުމަކީ އެންމެ ރަނގަޅު އޮޕްޝަން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
މިދިޔަ މާޗް މަހު ޕާކިސްތާނުން ވެސް ވަނީ 2.5 ބިލިއަން ޑޮލަރު (38 ބިލިއަން ރުފިޔާ) ތިން ބޮންޑެއް ވިއްކައިގެން ފައިސާ ހޯދައިފަ އެވެ. އެއީ ފަސް އަހަރާއި 10 އަހަރާއި 30 އަހަރަށް ދޫކޮށްފައިވާ ބޮންޑެކެވެ. ފަސް އަހަރަށް ނެގި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެ އެވެ. އަދި 10 އަހަރަށް ނެގި ބޮންޑަށް ހަތް ޕަސެންޓް، 30 އަހަރަށް ނެގި ބޮންޑު 8.8 ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއް އަނބުރާ ދައްކަން ޖެހޭނެ އެވެ.
ޕާކިސްތާނުން މާ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޮންޑު ވިއްކި އިރު އިންޓަނޭޝަނަލް ރޭޓިން އޭޖެންސީ މޫޑީސް އިން ރާއްޖެ އާއިި ޕާކިސްތާނަށް ވެސް ދީފައިވަނީ "ބީ3" ރޭޓިންނެވެ.
ރާއްޖޭގެ ބޭންކެއްގެ އިސް ބޭފުޅަކު ވިދާޅުވީ، ސަރުކާރުން ކޮމާޝަލް ރޭޓުގައި ސުކޫކު ވިއްކުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޕާކިސްތާނުން މިއަހަރު މިހާ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޮންޑު ވިއްކުނު އިިރު ރާއްޖެއަށް އެކަން ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.
"ހީވަނީ މާލީ ގޮތުން އެހެން ފައިދާތަކެއް ހޯދަން އުޅެފަހެން މިއޮތީ. ސުކޫކުގެ ޕްރޮފިޓް ޕަސެންޓް މާ ބޮޑު. މިއީ ގްރީސް ބޭންކްރަޕްޓްވި ހާލަތުގައި ވެސް ބޮންޑްގެ ރޭޓް ނާރާ ވަރެއް. ރާއްޖެއަށް މިއަށް ވުރެ ރަނގަޅު ރޭޓު ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް މާލީ ދައިރާގައި މަސައްކަތް ކުރައްވާ އެހެން ފަރާތަކުން ގަބޫލުކުރައްވާ ގޮތުގައި ޕާކިސްތާނާއި ރާއްޖެއާ އަޅާ ކިޔުން އެހާ ރަނގަޅެއް ވެސް ނޫނެވެ. އޭނާ ވިދާޅުވީ، ޕާކިސްތާނަކީ އިންޓަނޭޝަނަލް މާކެޓުގައި ބޮންޑް އިޝޫ ކުރުމުގެ ތަޖުރިބާ ހުރި ގައުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ގައުމުގެ އިގްތިސާދު އޮންނަނީ ރާއްޖެ ގޮތަށް އެންމެ ސިނާއަތަކަށް ބަރޯސާވެފަ އެއް ނޫން. ރާއްޖެ މިއޮންނަނީ ޓޫރިޒަމަށް ބިނާ ވެފަ. ޓޫރިޒަމް ދާއިރާއަކީ ވެސް ވަރަށް ވޮލަޓައިލް އިންޑަސްޓްރީއެއް،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ރާއްޖެއިން ސުކޫކު ވިއްކީ މާބޮޑު ރޭޓެއްގައި ކަމަށް އޭނާ ވެސް އެއްބަސްވެ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 86 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ގާތްގަނޑަކަށް 150 ޕަސެންޓެވެ. އަނެއްކާ ވެސް މާ ބޮޑު ފާއިދާއެއް ނެތް ގޮތަށް ސަރުކާރުން މި ވިއްކީ ސުކޫކެވެ. ގައުމު ކުރިއަށް ގެންދިއުމަށް ދަރަނި މެނޭޖްކުރުމުގައި ރަނގަޅު ދުރުރާސްތާ ޕްލޭނެއް ހެދުމަކީ ސަރުކާރުން އެންމެ އިސްކަން ދޭންވީ ކަންތަކެވެ.