02 މެއި 2021 - 21:44

މެންޗެސްޓާ (02 މެއި) - މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުން އޯލްޑް ޓްރަފާޑް ސްޓޭޑިއަމްއަށް ވަދެ ކުރަމުންދާ ހަޅުތަލާ ގުޅިގެން ލިވަޕޫލާ ދެކޮޅަށް މިިރޭ ކުޅެން އޮތް މެޗަށް ހިޔަނި އެޅިއްޖެ އެވެ.

ޔުނައިޓެޑްގެ ދަނޑު އޯލްޑްޓްރަފާޑަށް މިއަދު ހަވީރު 200 ސަޕޯޓަރުން ވަދެ މުޒާހަރާ ކުރަން ފެށި އެވެ. ބައެއް ފަރާތްތަކުން ދަނޑަށް އަލިފާން ބޯޅަވެސް ވެއްދި އެވެ. އަދި ކޯނަރު ދަނޑި ވެސް ނެގި އެވެ. އަދި ދަނޑުގައި އެތުރި ޝުއޫރުފާޅު ކުރަމުން ދިޔަ އެވެ. އެމީހުން ޝުއޫރު ފާޅު ކުރަމުން ދިޔައީ ޔުނައިޓެޑްގެ ކޯ އޯނަރު ޖޮއެލް ގްލޭޒާއާ ދެކޮޅަށެވެ.
އިނގިރޭސި މީޑިއާތަކުން ބުނަނީ އެ މީހުން ދަނޑަށް ވަނީ، ސްޓޭޑިއަމްގެ ދެކުނު ފަޅީގައިވާ "މިޔުނިކް ޓަނަލް" ތެރެއިން ކަމަށެވެ. ދަނޑަށް ވަނީ ސެކިއުރިޓީންނާއި ބެރިކޭޑުތައް ފަޅާލައި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އެއް ބަޔަކު ދަނޑު މަތީގައި ތިބެގެން މުޒާހަރާ ކުރާއިރު އަނެއް ބަޔަކު ތިބީ ސްޓޭޑިއަމް ބޭރުގަ އެވެ.
ލިވަޕޫލާއި ދެކޮޅަށް ޔުނައިޓެޑް ކުޅެން ހަމަޖެހިފައިވާ މެޗު، ކުރިން ފަށަން ހަމަޖައްސާފައި އޮތް ގަޑީގައި ނުފެށޭނެތީ މެޗު ވަނީ ފަސް ކޮށްފަ އެވެ. އަދި ދެ ޓީމު ވެސް ދަނޑަށް ނައުމަށް ސަލާމަތީ ބާރުތަކުން ވަނީ އަންގާފަ އެވެ.
ޔުނައިޓެޑްގެ ސަޕޯޓަރުން ރުޅިގަނޑު އުތުރި އަރާފައި މިވަނީ، ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ޔުނައިޓެޑް ނިންމި ހިސާބުންނެވެ. މިދިޔަ މަހު އިއުލާން ކުރި ޔޫރަޕިއަން ސުޕަ ލީގު މިހާރު ވަނީ ހަރަކާތް ހުއްޓިފަ އެވެ. އިނގިރޭސި ހަ ކްލަބުންވެސް އެ މުބާރާތުން ވަކި ވެފައިވާކަން އިއުލާން ކުރި އެވެ. ޖޮއެލް ގްލޭޒާ އަކީ ޔޫރަޕިއަން ސުޕަ ލީގުގެ ވައިސް ޗެއާމަން އެވެ. ޔުނައިޓެޑްގެ ސުޕަ ލީގުން ވަކި ވުމަށް ފަހު ގްލޭޒާގެ އާއިލާއިން ވަނީ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށް ހާމަކޮށްފަ އެވެ.
ނަމަވެސް ސަޕޯޓަރުން އެކަމަށް އިޖާބަ ނުދީ ގޮވާލަމުން ދަނީ ގްލޭޒާގެ އާއިލާއިން ކްލަބު ދޫކޮށްލުމަށެވެ.