02 މެއި 2021 - 17:36

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކުގައި ޒަރޫރީ ބޭނުންތަކުގައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން އަންނަ އަންގާރަ ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް މަނާކޮށްފި އެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިއީ ބަލިޖެހޭ މީހުންގެ އަދަދު އެންމެ ގިނަ ދުވަސްވަރެވެ. އަދި ކުރިއާ ހިލާފަށް މިހާރު އެންމެ ގިނައިން ބަލީގެ ކޭސްތައް ފެންނަނީ ވެސް ރަށްރަށުންނެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންވާ ބާރުގެ ދަށުން އަންގަފާވައި ވަނީ އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް، މާލެ ސަރަހައްދު (މާލެއާއި، ވިލިނގިލި، ހުޅުމާލެ އަދި ތިލަފުށި) ފިޔަވައި، މީހުން ދިރިއުޅޭ އެހެން ރަށްރަށަށް ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދަން އެކަނި ކަމަށެވެ.
މި ފިޔަވަޅު އަޅާފައި އޮންނަ އިރު ހާއްސަ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫން ވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް، ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދޭންވާނެ ކަމަށް އެންގުމުގައިވެ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު ކޮވިޑް ފެތުރެމުން ދާއިރު ކޮންމެ 24 ގަޑިއިރަކު 300-400 ކޭސް ފެނެ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ވެސް ހުރީ ދުވަހަކު ނުދާހާ ބޮޑަށް މައްޗަށް ގޮސްފަ އެވެ. ކޭސްތައް އިތުރުވާން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިން ލުއިތަކާއި އޭގެ ފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބަށް ފަހު އެވެ.
އެންމެ ފަހުން ބޭއްވި އެޗްއީއޯސީގެ މީޑިއާ ބްރީފިންގައި، ކޮވިޑް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ހަރުކަށިކުރުމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ބުނެފައިވަނީ ބަލި ކޮންޓްރޯލްކުރަން އޮތް ހަމައެކަނި ގޮތަކީ ލޮކްޑައުން ނޫން ކަމަށާއި މިހާރު ހުރި ފިޔަވަޅުތަކަށް ވެސް ރަނގަޅަށް އަމަލުުކުރެވޭ ނަމަ ނަތީޖާ ފެންނާނެ ކަމަށެވެ. އެކަމަކު ހާލަތާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ