ކުޅުދުއްފުށިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް
ކުޅުދުއްފުށިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް

ހދ. ކުޅުދުއްފުށިން ފްލޫ ކްލިނިކަށް ދެއްކި މީހަކާއި އޭނާއާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެރަށަަށް އަރައިފޭބުން މިއަދު މަނާކޮށްފި އެވެ.

އެ ރަށަށް އަރައިފޭބުން މަނާކޮށް އެޗްޕީއޭ އިން ފޮނުވި އެންގުމުގައި ބުނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް މިވަގުތުން ފެށިގެން އެއްވެސް ބަޔަކު ރަށަށް އެރުމާއި ރަށުން ފޭބުން މަނާވާނެ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ރޯގާގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން އިތުރު ދެ މީހެއް ސާމްޕަލް ނެގިއިރު އެ ދެ މީހުން ވެސް ޕޮޒިޓިވް ކަމަށެވެ.

އެ މީހުންނާ ގުޅުން ހުރި އިތުރު މީހުންގެ ސާމްޕަލްތައް މިއަދު ނަގާނެ ކަމަށް ދާއޫދު ވިދާޅުވެ އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމާއި، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ކޮންމެހެން ދާންޖެހޭ ތަންތަނަށް ނޫން ގޮތަކަށް ނުދިއުމަށް ވެސް އިލްތިމާސްކޮށްފަ އެެވެ. އަދި ރޯގާގެ އަލާމާތްތައް ހުރި ނަމަ ލަސްނުކޮށް ސާމްޕަލް ނެގުމަށާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް ސަމާލުކަންދޭން އެދިފަ އެވެ.

މީގެ ކުރިން ވެސް ކޮވިޑްގެ ކޭސްތައް ފެނިގެން ކުޅުދުއްފުއްޓަށް އަަރައިފޭބުން މަނާކޮށްފައިވެ އެވެ. އެ ރަށަކީ އުތުރުގެ ތިން ރަށަކުން ސިއްހީ ހިދުމަތާއި އަދިވެސް އިތުރު ހިދުމަތް ހޯދުމަށް ބަރޯސާވެފައިވާ ރަށެކެެވެ.

ކޮވިޑާ ގުޅިގެން ކުޅުދުފުއްޓަަށް އަރައިފޭބުން މަނާކުރިއިރު އައްޑޫން ވެސް ކޮވިޑް ފެނިގެން އޮތީ ބަންދުކޮށްފަ އެވެ. ރަށްރަށް ކޮވިޑްގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާއިރު މިވަގުތު ވެސް ގިނަ ރަށްތަކެއް އޮތީ އަަރައިފޭބުން މަނާކޮށްފަ އެވެ. ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ މިހާރު 5000 އިން މަތީގަ އެވެ. އަދި މިހާރު ގިނަ ކޭސްތައް ފެންނަނީ ރަށްރަށުންނެވެ.