02 މެއި 2021 - 15:28

ސިންގަޕޫރު (މެއި 2) - ސިންގަޕޫރުގެ ހޮސްޕިޓަލަކުން ކޮރޯނާވައިރަހުގެ ކޭސްތަކެއް ފެނިގެން ހަތަރު ވޯޑެއް ލޮކްޑައުންކޮށްފި އެވެ.
ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި ވަނިކޮށް ސިންގަޕޫރުގެ ހޮސްޕިޓަލަކުން ވައިރަސް ފެނުމަކިީ އެ ގައުމުގެ އޮފިޝަލުން ވެސް ކަންބޮޑުވި ކަމެކެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ސިންގަޕޫރުން ލޯކަލް ޓްރާންސްމިޝަނެއް ނުފެންނާތީ އޮފިޝަލުން ވެސް ތިބީ އެ ގައުމުގައި ކޮވިޑް ގާތްގަނޑަކަށް ނެތް ކަމަށް ބަލައިގެންނެވެ.
ކޮވިޑް ފެނުނު ޓަން ޓޮކް ސެންގް ހޮސްޕިޓަލް ބަންދު ކުރުމަށް ފަހު ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ސިންގަޕޫރުން ބުރާސްފަތި ދުވަހު 16 ކޭސް އަދި ހުކުރު ދުވަހު ނުވަ ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭން 13 ކޭސް ގުޅިފައި ވަނީ ހޮސްޕިޓަލްއާ އެވެ. ހޮނިހިރު ދުވަހު 34 މީހުން ޕޮޒިޓިވްވިއިރު މިއަދު ވަނީ 39 މީހުންނަށް ބަލިޖެހިފަ އެވެ.
ފުރަތަމަ ޕޮޒިޓިވްވީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ފިލިޕީންސްގެ ނަރުހެކެވެ. އެއީ ވެކްސިން ފުރިހަމަކޮށްފައިވާ މީހެއް ވެސް މެ އެވެ.
ހެލްތު މިނިސްޓަރު ގާން ކިމް ޔޮންގް ވިދާޅުވީ އާ ކްލަސްޓާއެއް ފެނުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކޮމިއުނިޓީގައި ބަލި ފެތުރުމުގެ ރިސްކް މިހާރު އެބައޮތް ކަމަށެވެ.
ސިންގަޕޫރުގައި މިދިޔަ އަހަރު ކޮވިޑް އެންމެ ބޮޑަށް ފެތުރުނީ ބޭރުގެ މަސައްކަތްތެރިން ތިބޭ ޑޯމިޓަރީތަކުގަ އެވެ. އާބާދީގައި 5.7 މިލިއަން މީހުން ހިމެނޭ ގައުމުން މިހާތަނަށް ޕޮޒިޓިވްވީ 61،000 މީހުންނެވެ. ކޮވިޑްގައި ސިންގަޕޫރުން މަރުވެފައި ވަނީ 30 މީހުންނެވެ.