17 ނޮވެމްބަރ 2016 - 11:06

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު އިންޑިއާގައި ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި މަހުގެ 10 ވަނަ ދުވަހު 1.9 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ މިދިޔަ އަހަރުން ފެށިގެން އިންޑިއާގައި ދިރިއުޅޭ މީހެއް ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
އެކަމަކު އެ މީހާގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ ނާކޮޓިކްސް ބިއުރޯއާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން އެ މަސްތުވާތަކެތި އަތުލައިގަތީ މުދާ ފޮނުވައިދޭ ކުންފުންޏެއް މެދުވެެރިކޮށް ފޮށިގަނޑުތަކެއްގައި ފޮރުވައިގެން އުޅެނިކޮށެވެ. އެ މައްސަލާގައި އިތުރު ބަޔަކު ހިމެނޭ ކަމަށް ތުހުމަތުކުރެވޭތީ އެކަން ވެސް ދަނީ ބަލަމުންނެވެ.
އިންޑިއާގައި ވަކި އަދަދަކަށް ވުރެ ގިނައިން މަސްތުވާތަކެތި ގެންގުޅުމަކީ 10 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމަކާ އެކު އެއް ލައްކަ ރުޕީސް އާއި ދެ ލައްކަ ރުޕީސްއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ އަންނަ ކުށެކެވެ.