މާލެ-ތިލަފުށި ބްރިޖް މަޝްރޫއަށް ޕްރިކޮލިފައިވީ ހަތަރު ކުންފުންޏެއް؛ ލަފާކުރަނީ ދެ އަހަރުން ނިންމަން
މާލެ-ތިލަފުށި ބްރިޖް މަޝްރޫއަށް ޕްރިކޮލިފައިވީ ހަތަރު ކުންފުންޏެއް؛ ލަފާކުރަނީ ދެ އަހަރުން ނިންމަން

މި ސަރުކާރުން އިއުލާނުކޮށްފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ މާލެ-ތިލަފުށި ބްރިޖްގެ މަސައްކަތަށް ޕްރިކޮލިފައިވީ ހަތަރު ކުންފުންޏެއް ކަމަށާއި އެ ކުންފުނިތަކުން މި މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ބިޑަ ހުށަހަޅަން ޖެހޭނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ.

މިއީ އިންޑިއާގެ މާލީ އެހީގައި އަޅާ ބްރިޖަކަށް ވާތީ މި މަޝްރޫއަށް ކުރިމަތިލެވޭނީ އިންޑިއާ ކުންފުނިތަކަށް އެކަންޏެވެ. އެހެންވެ ފިނޭންސް މިނިސްޓްރީން މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އާންމުކޮށް ބިޑަށް ހުޅުވާލުމުގެ ބަދަލުގައި އިންޑިއާގެ އެގްޒިމް ބޭންކުން ޕްރީކޮލިފައިވާ ކުންފުނިތަކަށް ހުޅުވާލައިގެންނެވެ.

ބިޑް ހުށަހެޅުމުގެ ފުރުސަތު ލިބުނު ހަތަރު ކުންފުނީގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބުނެފައިވަނީ މިއީ މި ހުރިހާ ކުންފުންޏަކީ ވެސް މިފަދަ މަޝްރޫއުތަކަށް ގާބިލް، މަސައްކަތުގެ ތަޖުރިބާ އާއި ޓެކްނިކަލް ގާބިލްކަން އަދި މާލީ ތަނަވަސްކަން ވެސް ހުރި ކުންފުނިތައް ކަމަށެވެ.

ލަފާކޮށްފައި ވަނީ ބްރިޖްގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމޭނެ ކަމަށެވެ.

މި ޕްރޮޖެކްޓަށް ފަންޑު ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް އިންޑިއާ ސަރުކާރުން 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި މި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގަ އެވެ.

- ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރީން ވިއަޑެކްޓެއް ހެދުން

- ތިލަ ހިސާބުތަކުގަ އާއި އެއްގަމު ސަރަހައްދުތަކުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑެކްޓް ހެދުން

- ރަށްރަށުގައި 2.96 ކިލޮމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހެދުން

- ރަށްރަށުގެ މެދުގައިވާ ކަނޑުގައި 140 މީޓަރުގެ ތިން ނެވިގޭޝަން ބްރިޖެއް ހެދުން

- ވިލިމާލެ ލޭންޑް އިންޓަޗޭންޖް ސަރަހައްދުގައި ސިގްނަލައިޒްޑް ޖަންކްޝަން ހެދުން

- ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއަބައުޓްތަކެއް ހެދުން

- ކޮންމެ ރަށެއްގެ ބްރިޖް ޖަންކްޝަން ކައިރި ބަސް ޓާމިނަލެއް ހެދުން

- ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން އަދު ސީސީޓީވީ ފަދަ އެހެން ތަކެތި ބޭނުން ކުރާނީ އިރުން އުފައްދާފައި ހުންނަ ހަކަތަ

- ލޭމްޕް ޕޯސްޓާއި ބްރިޖްގެ ޕަރަޕެޓްގައި ސޯލާ ޕެނަލްސް ހަރުކުރާނެ

މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ ދިވެހި ސަރުކާރުން ހޮވާފައިވާ، އިނގިރޭސި ވިލާތާއި ހޮންގްކޮންގުގެ ކުންފުންޏެކެވެ. ބްރިޖް އެޅުމުގެ މަސައްކަތް ކުރުމަށް ބިޑަށް ހުޅުވާލި އިރު ބްރިޖް އެޅުމުގެ ކުރިން ކުރަންޖެހޭ ސާވޭގެ މަސައްކަތް ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކޮށްގެން އަންނަނީ ކުރަމުންނެވެ. އެ ކުންފުންޏާ އެ މަސަައްކަތް ހަވާލުކުރީ 15 މިލިއަން ޑޮލަރުގެ އަގަކަށް، އަންނަ ޖުލައި މަހަށް ނިންމާ ގޮތަށެވެ.

ބްރިޖްގެ މި މަޝްރޫއަށް ބޭނުންވާ ސާމާނުގެ 65-75 ޕަސެންޓް ސާމާނަކީ އިންޑިއާގެ ކުންފުނިން ހޯދާ ތަކެތި ކަމަށް، އިންޑިއާއާ ރާއްޖެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ޝަރުތުކޮށްފައި ވެ އެވެ.