02 މެއި 2021 - 13:28

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ނަމަ، އެ މީހުންނަށް ލިބޭނީ އެއް ފްލެޓް ކަމަށާއި އެކަމަކު އެތަން ރަޖިސްޓްރީ ކުރާނީ ދެ މީހުންގެ ނަމުގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ދެމަފިރިންނަށް ވެސް ފްލެޓް ލިބިފައިވާ ނަމަ، ކޮންމެވެސް އެކަކު ފްލެޓް ދޫކޮށްލަން ޖެހެ އެވެ. އެކަކު ފްލެޓް ދޫކޮށްލިޔަސް، އެ މީހުންނަށް ލިބުނު އަނެއް ފްލެޓް ރަޖިސްޓްރީކުރާނީ ދެ މީހުންގެ ނަމުގައި ކަމަށް އެޗްޑީިސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި އެވެ.
އެކަމާ ބެހޭ އިތުރު ތަފްސީލެއް އެތަނަކުން ނުދެ އެވެ. އެކަމަކު އެއް ފްލެޓް ދެމަފިރިންގެ ނަން މަތީގައި ރަޖިސްޓްރީކުރަން ނިންމި ނިންމުމާ އެކު، ބޯހިޔާވަހިކަމުގެ މައްސަލަތަކާ ގުޅޭ ގޮތުން ވަކާލާތުކުރާ "އާންމު އެކުވެރި ގުޅުން" ޖަމިއްޔާ އިން ވަނީ އެކަމުގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ޖަމިއްޔާ އިން ބުނީ ފްލެޓަށް ފޯމު ލަނީ "ދެމަފިރިން" ނޫން ކަމަށާއި ވަކި ފަރުދެއްގެ ގޮތުގައި އެ މީހަކަށް ޝަރުތު ހަމަވާ ކެޓަގަރީއަކުން ކަމަށެވެ. އެގޮތުން ދެ ފަރުދަކަށް ފްލެޓު ލިބޭ ހާލަތުގައި އެ ދެ ފަރާތަކީ ކައިވެނި ކޮށްގެން ތިބި ބައެއް ނަމަ އެ ދެމަފިރިއަކަށް އެއް ފްލެޓް ދޭން ކަނޑައެޅީ ސަރުކާރުން ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
ޖަމިއްޔާ އިން ބުނީ ދެ މީހުންގެ ނަން މަތީގައި ރަޖިސްޓްރީ ކުރާ ފަހުން އެ މީހުން ވަރިވެއްޖެ ނަމަ، އެ މީހުން ބަދަލުވާނީ ދެ ފަރުދަކަށް ކަމުން، އެމީހުން ދިރިއުޅޭނީ ވެސް އެކުގައި ނޫން ކަމަށެވެ.
"ގިނަ ފަހަރަށް ތަން ނަގާނީ "ބާރު ގަދަ" މީހާ އެވެ. މިފަދަ ކަންކަމުގައި ކޯޓަށް މައްސަލަ ވައްދައި އެކަންކަން ކުރިއަށް ގެންދިއުމަކީ އާންމު ގިނަ މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ކުރިއަސް އެތައް ވަގުތެއް އެކަމަށް ގޮސް އެތައް މައްސަލަތަކެއް ދިމާވާނެ ކަމެއް،" ޖަމިއްޔާ އިން ބުންޏެވެ.
އެތަނުން ބުނީ، ދެ މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި ދެ މީހުންގެ ތެރެއިން ގިނަ ޕޮއިންޓް ލިބިގެން ފްލެޓް ލިބުނު މީހެއްގެ ނަން މައްޗަށް އެތަން ރަޖިސްޓްރީކުރުން ރަނގަޅު ކަމަށެވެ.
ސަރުކާރުގެ ގަވާއިދު އޮންނަ ގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓު ލިބިފައިވާ މީހަކަށް ދެން އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެގޮތުން ދެ މީހުންގެ މައްޗަށް ރަޖިސްޓްރީކުރާ ފަހުން ވަރިވެއްޖެ ނަމަ، އެތަނުން ނިކުންނަން ޖެހޭ މީހާއަށް އިތުރު މަޝްރޫއުއަކަށް ވެސް ކުރިމަތި ނުލެވޭނެތީ އާންމު އެކުވެރި ގުޅުމުން ކަންބޮޑުވުން ފާޅުކުރި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު އެތަންތަނުން ލިބޭ އެޕާޓްމަންޓް ކަށަވަރުކުރުމަށް ގުރުއަތުލުން މިހާރު ދަނީ ކުރިއަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގި އެންމެ ބޮޑު މަޝްރޫއުން 6،720 ފްލެޓް ލިބުނު މީހުންގެ މެދުގައި ގުރު ނަގަމުން އަންނައިރު ޑައުންޕޭމަންޓާ ނުލައި ހިޔާ ފްލެޓްގެ އަގުގެ ގޮތުގައި މި ސަރުކާރުން ކަނޑަައަޅާފައި ވަނީ 7،500ރ. އެވެ. ޑައުންޕޭމަންޓާ އެކު ކުއްޔަށް ދޭ ނަމަ އެ އަދަދު 7،500ރ. އަށް ވުރެ ކުޑަވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.
ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރުމާއި ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.