02 މެއި 2021 - 12:56

ކޮވިޑާ ގުޅިގެން ގައިދީން ވަގުތީ ގޮތުން ގެއަށް ބަދަލުކުރުމަށްޓަކައި ރިސްކް އެސެސްމަންޓް ހަދަން ފަށާފައިވާ ކަމަށާއި އެކަމަކު މުޖުތަމައަށް ނުރައްކާ މީހުން ގެއަށް ބަދަލެއް ނުކުރާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
އެ އިދާރާގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ، ކަރެކްޝަންސްގެ މެޑިކަލް ޑޮކްޓަރުންގެ ޓީމުން އެސެސްމަންޓް ހަދަމުން އަންނަ ކަމަށެވެ. މި ހަފުތާގައި އެ ކަން ނިންމައި ގައިދީން ބަދަލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ހައިރިސްކް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުން މިހާރު އަންނަނީ. އެ އެސެސްމަންޓަށް ފަހު ގެއަށް ބަދަލުކުރާނެ ގައިދީން ކަނޑައެޅޭނީ،" އޭނާ ވިދާޅުވި އެވެ.
ޔުސްރީން ވިދާޅުވިގޮތުގައި، ގައިދީން ގެއަށް ބަދަލުކުރާނީ އެ މީހުންގެ އާއިލާގެ ވެސް ހުއްދައާއެކު އެވެ.
ޖަލުތަކުގައި ކޮވިޑު-19 ފެތުރެމުންދާތީ ކަރެކްޝަންސް އިން ވަނީ ހައި ރިސްކް ގައިދީން ގެއަށް ބަދަލުކުރަން ނިންމައިފަ އެވެ. ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، އެއީ ޖަލުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ.
އެ ނިންމުމާ އެއްގޮތަށް، މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ގެ އަށް ބަދަލުކޮށްފަ އެވެ.