މަސް ދަޅުގެ ޝޯޓޭޖެއް ނޫޅޭނެ: މިފްކޯ
މަސް ދަޅުގެ ޝޯޓޭޖެއް ނޫޅޭނެ: މިފްކޯ

މަސް ބަންދުކުރާ ކާރުޚާނާ ފެލިވަރުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެގެން އޮޕަރޭޝަންތައް ދުވަސްކޮޅަކަށް މެދުކަނޑައިލި ނަމަވެސް މަސްދަޅުގެ ޝޯޓޭޖެއް ނޫޅޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފެލިވަރުގެ އޮޕަރޭޝަންތައް ހުއްޓައިލުމުން މަސް ދަޅު ނުލިބޭނެ ކަމަށް ބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔައިފަ އެވެ. އެކަމަކު، މިހާރު ވެސް މިފްކޯގައި މި ރޯދަ މަހާއި އިތުރު އެއް މަސް ދުވަހަށް ވާވަރަށް ސްޓޮކް ހުންނާނެ ކަމަށް ބުންޏެވެ.

މިފްކޯއިން ބުނިގޮތުގައި، ރާއްޖެ އިން ކޮވިޑް-19 ފެނުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް މަސް ފެކްޓަރީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހާއްސަ އެސްއޯޕީއެއްގެ ދަށުންނެވެ. އެސްއޯޕީގައި އެންމެ ބޮޑަށް ބަލާފައިވަނީ ސަޕްލައިގައި ޝޯޓޭޖެއް ނުގެނެސް މަސައްކަތް ކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ފެލިވަރުގައި ކޮވިޑްގެ ކޭސްތައް ފެނުނު ނަމަވެސް މިހާރު ވަނީ އެ ރަށުގެ ހާލަތު ރަނގަޅުވެފަ އެވެ. އެއާއެކު ފެކްޓަރީގެ އޮޕަރޭޝަންތައް ވެސް ވަނީ ފަށައިފަ އެވެ.