ޑިޝާއާ އުމުރުގެ ގޮތުން ތަފާތެއް ނުފެންނާނެ: ސަލްމާން ޚާން
ޑިޝާއާ އުމުރުގެ ގޮތުން ތަފާތެއް ނުފެންނާނެ: ސަލްމާން ޚާން

މި މަހުގެ 13 ގައި ރިލީޒްކުރާ ފިލްމު "ރާދޭ" ގެ ބަތަލާ ޑިޝާ ޕަޓާނީއާ އެކު ފެންނަ އިރު، އުމުރުގެ މާ ބޮޑު ތަފާތެއް ނުހުންނާނެ ކަމަށް ސަލްމާން ޚާން ބުނެފި އެވެ.

ޒުވާން އެކްޓަރު ޓައިގާ ޝްރޮފާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޑިޝާގެ އުމުރަކީ 28 އެވެ. ސަލްމާންގެ އުމުރަކީ 55 އެވެ. މިއީ 28 އަހަރުގެ ފަރަގެކެވެ.

ފިލްމުގެ ޕްރޮމޯޝަނަލް ވީޑިއޯއެއްގައި ސަލްމާން ބުނީ ޑިޝާއާ އެއް އުމުރެއްގެ މީހެއްގެ ގޮތުގައި އޭނާ ފެންނާނެ ކަމަށާއި އޭގައި އަޅައިގަންނަވަރުގެ ކަމެއް ނުހުންނާނެ ކަމަށެވެ. ސަލްމާން ބުނީ ޑިޝާ އަކީ ވަރަށް ރީތި ބަތަލާއެއް ކަމަށާއި ފިލްމަށް އޭނާ ކޮށްފައި ހުރި މަސައްކަތް ވެސް ވަރަށް ފުރިހަމަ ކަމަށެވެ.

"ރާދޭ" ގެ ލަވަތަކުގެ ތެރެއިން ފުރަތަމަ ދައްކައިލީ ވެސް ސަލްމާނާއި ޑިޝާގެ ނެށުންތަކެއް ފެނިގެންދާ ލަވަ "ސީޓީ މާރް" އެވެ. ލަވަ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ޔޫޓިއުބްގައި ވަރަށް ގިނަ ބަޔަކު ސަލްމާނާއި ޑިޝާގެ އުމުރަށް މަލާމާތްކޮށްފައިވެ އެވެ. ބައެއް މީހުން ކޮށްފައިވާ ކޮމެންޓްތަކުގައި ބުނެފައި ވަނީ ލަވައިގައި ނަށަނީ ބައްޕައަކާއި ދަރިއެއް ކަމަށެވެ. އަދި ސަލްމާން އޭނާ އަށް ވުރެ އެތައް ގުނަ ހަގު ބަތަލާއިންނާ އެކު ފިލްމު ކުޅޭތީ ޒުވާންކަމަށް ހެދެން އުޅޭ ކަމަށް ބުނެ ޖޯކު ޖަހާފައިވެ އެވެ.

"ރާދޭ" ގައި ސަލްމާނާއި ޑިޝާ ބޮސްދޭ މަންޒަރެއް ވެސް ހިމެނެ އެވެ. މިއީ ފިލްމެއްގައި މިހާތަނަށް ސަލްމާން އެފަދަ މަންޒަރެއް ކުޅުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. ޓްރެއިލާގައި ވެސް އޭގެ ތަންކޮޅެއް ހިމަނާފައިވެ އެވެ. އެކަމާ ބެހޭ ގޮތުން ސަލްމާން ބުނީ އެއީ ވެސް ފިލްމުގެ ހުރިހާ ރަހައެއް ހެޔޮވަރުކޮށްލުމުގެ މަންޒަރެއް ކަމަށެވެ.

ޑިޝާ ބުނި ގޮތުގައި އިންޑިއާގެ އެންމެ ވަރުގަދަ އެއް ސުޕަސްޓާރާ އެކު ފިލްމެއްގެ ލީޑް ކުޅެން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. "ރާދޭ" އަކީ ސަލްމާނާ އެކު އޭނާ މަސައްކަތްކުރި ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ކުރު ސަޕޯޓިން ރޯލެއް ކުޅުނު 2019 ގެ "ބާރަތު" އެވެ.

އެ ފިލްމުގިއު ހިމެނުނު ދެ ތަރިންގެ ލަވަ "ސްލޯ މޯޝަން" އަކީ ވެސް މަޝްހޫރުވި ލަވައެކެވެ.

"ރާދޭ" ގެ ކާސްޓްގައި ޑިޝާގެ ލޯބިވެރިޔާ ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ވެސް ހިމެނެ އެވެ. އޭނާ ކުޅެފައި ވަނީ ޑިޝާގެ ބޭބެގެ ރޯލެވެ.