17 ނޮވެމްބަރ 2016 - 11:57

ލަންޑަން (ނޮވެމްބަރު 17) - މިދިޔަ ހުކުރު ދުވަހުގެރޭ ސްކޮޓްލެންޑް އަތުން އިންގްލެންޑް މޮޅުވި މެޗަށް ފަހު އިންގްލެންޑްގެ ކެޕްޓަން ވޭން ރޫނީ ކައިވެނި ޕާޓީއެއްގެ ތެރޭގައި މަސްތުގެ ހާލަތުގައި ހުއްޓައި ނަގާފައިވާ ފޮޓޯއެއް އާއްމުވުމާ ގުޅިގެން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މި ޕާޓީގައި ރޫނީގެ އިތުރުން އިންގްލެންޑްގެ ޓީމުގެ ސްޓާފުންނާއި ޑިފެންޑަރު ފިލް ޖަގިއެލްކާ ވަނީ ބައިވެރިވެފަ އެވެ. މީޑިއާގައި އާންމުވި ރޫނީގެ ފޮޓޯގައި އޭނާ ހުރީ އިންގްލެންޑްގެ އޮފިޝަލް ޓްރެވަލް ކިޓް ލައިގެންނެވެ. ރޫނީ ވަނީ މިކަމާ މައާފަށް އެދިފަ އެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެން މިހުރި މަގާމުގައި (ކެޕްޓަން) ހުރި މީހެއްގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫން މިއީ. މިކަމާ އަހަރެން މައާފަށް އެދެން. އަހަރެންގެ ސަޕޯޓަރުން ވެސް މާޔޫސްވާނެ ކަމެއް މިއީ. މިކަމާ ގުޅިގެން އަހަރެން ވާނީ އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓާއި ޓެކްނިކަލް ޑިރެކްޓަރު ޑޭން އަންޝްވޯތު ކައިރިން ވެސް މައާފަށް އެދިފައި،" ރޫނީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި ފޮޓޯގެ މައްސަލައިގައި އިންގްލެންޑުގެ އޮފިޝަލުންނަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ފާޑުކިޔައިފަ އެވެ. މޮރީނިއޯ ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ދޫކޮށްފައި ހުންނައިރު ކުޅުންތެރިންނަށް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭ ކަންތައްތައް އޮޅުފިލުވައިދޭން ޖެހޭނެ ކަމަށެވެ.
އިންގްލެންޑް މިދިޔަ އަންގާރަ ދުވަހުގެރޭ ސްޕެއިންއާ 2-2 އިން އެއްވަރުވި މެޗުގައި އަނިޔާގެ ސަބަބުން ރޫނީ ނުކުޅެ އެވެ. ރޫނީގެ ކަކުލަށް ލިބިފައިވަނީ ކުޑަ އަނިޔާއެއް ކަމަށާއި އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ވާދަވެރި އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގައި ރޫނީ އަށް ކުޅެވޭނެ ކަމަށް ޔުނައިޓެޑުން ބުނެ އެވެ.
މި ސީޒަނުގައިި ރޫނީގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެންނަ ކަމަށް ބުނެ މީޑިއާ އިން އަންނަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން އޭނާ އަށް ގިނަ މެޗުތަކުގައި ފުރުސަތު ނުލިބި ދިޔައިރު، އިންގްލެންޑްގެ ފުރަތަމަ އެގާރައިން އޭނާ އަށް ފުރުސަތު ގެއްލުމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ.