03 މެއި 2021 - 22:49

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ކޮންޓްރޯލް ނުވެ ރެކޯޑް އަދަދަކަށް ކޮންމެ ދުވަހަކު އާ ކޭސްތައް ފެންނަމުން ދާތީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ހިދުމަތް ދޭން ނިންމައިފި އެވެ.
މި މަހުގެ 5 އިން ފެށިގެން 10 ދުވަހަށް އަޅަން ނިންމި އެހެން ފިޔަވަޅުތަކުގެ ތެރޭގައި ޕާކުތަކާއި މައިޒާންތައް ބަންދުކުރުމާއި ރޭގަނޑު 12 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރުން ހިމެނެ އެވެ. އަދި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ދޭން ފެށި ލުއިތައް ވެސް ވަނީ ހުއްޓާލައިފަ އެވެ. މީގެ އިތުރުން ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުން ވެސް ހިމެނެ އެވެ.
މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކުގައި، ޒަރޫރީ ބޭނުންތަކުގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް މާދަމާ އިން ފެށިގެން މަނާވާނެ އެވެ.
1 - މާލެ ސަރަަހައްދުގެ ޕާކުތަކާއި ކުޅިވަރުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކްތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުން.
2 - މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުން.
3 - މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ވެހިކަލް ދުއްވުން މަނާކުރުން.
4 - ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން (މާލެ އިން ރަށްރަށަށް ދަތުރުކުރާ މީހުން 10 ދުވަހަށް ކަރަންޓީން ވާން ޖެހޭނެ)
5 - ހުއްދައާ އެކު، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުމާއި އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން. (ސިނާއީ މަސައްކަތްކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުން 10 ދުވަހަށް ކަރަންޓީން ވާން ޖެހޭނެ)
6 - އިންޑިއާ އިން ރާއްޖެ އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް، ޕީސީއާރު ޓެސްޓު ހެދުން.
7 - ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ދީފައި ދަތުރުކުރުމުގެ ލުއި މެދުކަނޑައިލުން
މިދިޔަ 24 ގަޑިއިރު ވެސް ވަނީ ރާއްޖޭން 585 ޕޮޒިޓިވް ކޭސް ފެނިފަ އެވެ. އެއާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މި ވަނީ 31،330 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތައް ވަނީ 6،033 އަށް އަރައިފަ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ ކޭސް ފެނުނު ދުވަހެވެ.
ޕްރެސް ކޮންފަރެންސްގައި ވަނީ ކޭސްތައް އިތުރުވަމުން ދާއިރު ބަލީގައި ބޮޑުވަރުވެ އޮކްސިޖަން ދޭންޖެހޭ މީހުން ގިނަވާ ކަމަށް ބުނެފަ އެވެ. އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްގެ ކެޕޭސިޓީ ފުރެމުން އަންނަ ކަމަށާއި ސިއްހީ އެހީތެރިންނަށް އެކަށީގެންވާ ހިދުމަތް ނުދެވޭ ހިސާބަށް ކަންތައް ގޯސްވުމުގެ ނުރައްކާ އޮތްކަން ވެސް ފާހަގަކުރި އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު އިތުރުވާން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިން ލުއިތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގަ އެވެ. އޭގެ ކުރިން އޮތީ ކެފޭ/ރެސްޓޯރަންޓުތަކުން ވަކި ވަގުތަކު ހިދުމަތްދޭ ގޮތަށް އަދި ދަންވަރު ކާފިއު ހިންގައި ވަކި ވަގުތެއްގައި ވެހިކަލް ދުއްވުން ވެސް މަނާކޮށްފަ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 31،000 ފަހަނަޅައި ގޮސްފައި ވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 74 މީހަކު ވަނީ މަރުވެފަ އެވެ.