ސިޓީން ޕްރިމިއާ ލީގުގެ ތައްޓާ ފިޔަވަޅަކާ ކައިރިއަށް
ސިޓީން ޕްރިމިއާ ލީގުގެ ތައްޓާ ފިޔަވަޅަކާ ކައިރިއަށް

ލަންޑަން މެއި 1) - ސާޖިއޯ އަގުއޭރޯ އާއި ފެރާން ޓޯރޭޒްގެ ލަނޑުތަކުން ކްރިސްޓަލް ޕެލަސް ބަލިކޮށް، ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.

މާދަމާ ރޭ، ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުން، ޔުނައިޓެޑް ބަލި ވެއްޖެ ނަމަ ހަތަރު އަހަރު ތެރޭ ތިން ވަނަ ފަހަރަށް ސިޓީ އަށް ލީގް ލިބޭނެ އެވެ. މެޗު އެއްވަރު ކޮށްލައިގެންވެސް ޔުނައިޓެޑަށް ފަރުޖައްސައެއް ނުލެވޭނެ އެވެ.

މެޗުގައި ސިޓީއަށް ލަނޑު ޖަހައިދިން އަގުއޭރޯ، މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލާނެ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އޭނާ ސިޓީއަށް ލީޑު ނަގައިދިން ލަނޑަކީ ޕްރިމިއާ ލީގުގައި 12 މަސްތެރޭ އޯޕަން ޕްލޭއިން އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. އަދި އެ ލަނޑަކީ ލީގުގައި އޭނާ ޖެހި 182 ވަނަ ލަނޑެވެ.

ލަންޑަންގެ ސެލްހާސްޓް ޕާކުގައި ސިޓީ މޮޅުވުމުން އެ ޓީމު ވަނީ ރަށުން ބޭރުގައި ޖެހިޖެހިގެން 11 މެޗުން މޮޅުވެފަ އެވެ. ޑިސެމްބަރު 12 ގައި އޯލްޑް ޓްރެފާޑްގައި އެއްވަރުވި މެޗަށް ފަހު ރަށުން ބޭރުގައި އަދި ސޓީ ބަލިވެފައެއް ނުވެ އެވެ.

މެޗުގައި ސިޓީގެ ދެ ވަނަ ލަނޑު ފެރާން ޓޯރޭޒް ކާމިޔާބު ކުރީ، އަގުއޭރޯ ލަނޑު ޖެހިތާ ދެ މިނެޓް ވެސް ނުވަނީހެވެ.