19 ނޮވެމްބަރ 2016 - 06:15

އެއްޗަކަށް އެލާޖިކްވާ ނަމަ އެއީ ވަރަށް އުނދަގޫ ކަމެކެވެ. އަދި އަމުދުން އެލާޖިކް ލިސްޓު ދިގު ނަމަ އުފުލަންޖެހޭ ވޭން ބޮޑެވެ. އެމެރިކާގެ މި މީހާ އަކީ އެލާޖިކް ވުމުގައި އެހެން މީހުން ކުރަން ނުޖެހޭ ވޭންހުރި ތަޖުރިބާއެއް ކުރަން ޖެހިފައިވާ މީހެކެވެ. އޭނާ އެލާޖިކް ނުވާ އެއްޗެއް ނެތެވެ. ފިރިމީހާ އަށް ވެސް އެލާޖިކެވެ.
އުމުރުން 29 އަހަރުގެ ޖޮހާނާ ވަޓްކިންސް ކޮޓަރިން ނުނިކުމެ އުޅޭތާ އަހަރު ދުވަސް ވެއްޖެ އެވެ. ހިރަފުހާއި ކާާނާގެ ވަރަށް ގިނަ ބާވަތްތަކާއި އިންސާނުންގެ ގައިން ދުވާ ބައެއް ވަސްތަކަށް ވެސް އޭނާ އެލާޖިކްވެ އެވެ. އެންމެ ހިތްދަތި އެއް ކަމަކީ ފިރިމީހާގެ ގައިން ދުވާ ވަހަށް ވެސް އެލާޖިކް ވާތީ އެވެ. އެހެންވެ މި ދެމަފިރިން ކިތަންމެ ލޯބިވިޔަސް މި ދެ މީހުން ގާތްވެއްޖެ ނަމަ އަނބިމީހާ އަށް ލިބޭނީ އަނިޔާއެކެވެ. އެހެންވެ ދެމަފިރިން އުޅެނީ ވަކި ދެ ކޮޓަރިއެއްގަ އެވެ.
ޖޮހާނާ އަށް ކުރިމަތިވެފައި ވަނީ މާސްޓް ސެލް އެކްޓިވޭޝަން ސިންޑްރޯމް (އެމްއޭސީއެސް) އާ އެވެ. އޭނާ އާދަޔާ ޚިލާފަށް އެލާޖިކްވާ ސަބަބެއް ހޯދުމަށް ޑޮކްޓަރުންނަށް ދައްކަމުން ގޮސް، އަސްލު މައްސަލަ އެނގުނީ 30 ޑޮކްޓަރުންނަށް ދެއްކި ފަހުންނެވެ.
މާސްޓް ސެލް އަކީ ދިފާއީ ނިޒާމު ކޮންޓްރޯލްކުރާ ވައިޓް ބްލަޑް ސެލްގެ ވައްތަރެކެވެ. މާސްޓް ސެލް މަސައްކަތްކުރަންޖެހޭ ގޮތަށް ޖޮހާނާގެ ހަށިގަނޑުގައި މަސައްކަތެއް ނުކުރެ އެވެ. އެ ސެލްތަކުން ކެމިކަލް ފޮނުވަނީ ފޮނުވަން ނުޖެހޭ ވަގުތުގައި، ފޮނުވަން ނުޖެހޭ ތަންތަނަށެވެ.
އެމްއޭސީއެސްގެ ފުރަތަމަ ކޭސް ދެނެގަނެވިފައި ވަނީ މީގެ ނުވަ އަހަރު ކުރިންނެވެ. އެހެންވެ މިއީ މިހާތަށް އަދި ވާނުވާ އެނގޭ މައްސަލައަކަށް ނުވާތީ ފަރުވާއެއް ވެސް ނުހޯދެ އެވެ. ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި ދުނިޔޭގެ އާބާދީގެ 1-15 ޕަސެންޓް މީހުންގެ ކިބައިގައި މި މައްސަލަ ކޮންމެވެސް ވަރަކަށް ހުރެ އެވެ.
އެމްއޭސީއެސްގެ މައްސަލަ އާދައިގެ ގޮތެއްގައި ހުންނަ މީހަކަށް ފަރުވާ ކުރުމަކީ ފަސޭހަ ކަމަކަށް ވިޔަސް ޖޮހާނާ އަށް މިހާތަނަށް ކުރި އެއްެވެސް ފަރުވާއަކުން ޝިފާއެއް ނުލިބެ އެވެ. އެންމެންނާ އެކަހެރިވެގެން ކޮޓަރިއެއްގެ ތެރޭގައި އިންނައިރު ފޫހިފިލުވަނީ އިންޓަނެޓަށް ވަދެ އެކި މީސްމީހުންނާ ބައްދަލުވުމުންނެވެ. ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދާން ނޫނީ އޭނާ ކޮޓަރިން ނުނިކުމެ އެވެ. އެކަމަކު އެ ނިކުތުން ވެގެން ދަނީ ވޭންހުރި ކަމަކަށެވެ.
"ކޮޓަރީގެ ދޮރު ހުޅުވާލާއިރަށް އުނދަގޫތައް އިހްސާސްވާން ފަށާ. ހީވަނީ ހަށިގަނޑަށް ވަރުގަދަ ހަމަލާއެއް އަންނަހެން،" ފޮކްސް 9 އަށް ޖޮހާނާ ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
އޭނާ ބުނެފައި ވަނީ ބޭރަށް ނިކުތުމާ ހަށިގަނޑުގައި ހަނގުރާމައެއް ފެށޭހެން ހީވާ ކަމަށެވެ. އަރުތެރެ ފިތި ބާރުވެ ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިވާ ކަމަށް ޖޮހާނާ ބުނެފައިވެ އެވެ. ޖޮހާނާ އަށް ކެވެނީ ވަރަށް މަދު ވައްތަރެެއްގެ ކާނާ އެވެ. ކިއުކަމްބާ އާއި ކެރަޓާއި ބައެއް ބާވަތުގެ އެއްގަމު މަސް ކުޑަ މިންވަރަކަށް ކެވެ އެވެ.
ކިތަންމެ ގިނަ އުނދަގޫތަކެއް ކުރިމަތިވިޔަސް ޖޮހާނާ އާއި އޭނާގެ ފިރިމީހާ ބުނަނީ މާޔޫސް ނުވާ ކަމަށާއި އެންމެންގެ އެހީތެރިކަމާ އެކު ހުރިިހާ ކަމެއް ވެސް ރަނގަޅު ކަމަށެވެ.