ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 88 ޕަސެންޓް ހިދުމަތުގައި
ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 88 ޕަސެންޓް ހިދުމަތުގައި

ރާއްޖޭގެ ރަޖިސްޓާޑް ބެޑް ކެޕޭސިޓީގެ 88 ޕަސެންޓް މި ވަގުތު ހިދުމަތް ދެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި ވަގުތު 47،000 އެނދު ހުރީ އޮޕަރޭޝަންގަ އެވެ. ރާއްޖޭގައި ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާ އެކު 53،900 އެނދު ހިމެނެ އެވެ. މީގެ ތެރެއިން އެންމެ ގިނަ އެނދު ހިމެނެނީ ރިސޯޓުތަކުގަ އެވެ. އެއީ 35،600 އެނދެވެ.

ގެސްޓްހައުސްގެ 7،600 އެނދު އޮޕަރޭޝަންގައި ހުރި އިރު ރާއްޖޭގައި ކޮވިޑްގެ ކުރިން ހުޅުވާފައި ހުރި ގެސްޓްހައުސްގެ 33 ޕަސެންޓް ހުރީ އޮޕަރޭޝަންގަ އެވެ.

މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު ޖުލައި މަހު ހުޅުވައިލި ފަހުން އެއް މަހުން އަނެއް މަހަށް ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަން އަންނަނީ އިތުރުވަމުންނެވެ. ރާއްޖެއަށް އެންމެ ގިނައިން މިވަގުތު ޓޫރިސްޓުން އަންނަނީ އިންޑިއާ އިންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 80،000 އަށް ވުރެ ޓޫރިސްޓުން އައިސްފައިވެ އެވެ. އިންޑިއާގައި އަނެއްކާ ވެސް ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ޓޫރިސްޓުން އަންނަ ވަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ރާއްޖެ އިން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކަށް އިންޑިއާ ޓޫރިސްޓުން ދިއުން މި ވަގުތަށް މަނާކޮށްފަ އެވެ.

އިންޑިއާ އިން އަންނަ ޓޫރިސްޓުން މަދުވި ނަމަވެސް ކުރިއަށް އޮތް މަސް ތަކުގައި ޔޫރަޕުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ލަފާކުރެ އެވެ. ސަބަބަކީ ޔޫރަޕުގެ ގިނަ ގައުމުތަކެއްގެ ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީ އެވެ.