އޮސްކާ ހޯދި "އެނަދަ ރައުންޑް" ގެ ރިމޭކެއް ލިއޮނާޑޯ ޑި ކެޕްރިއޯ ހަދަނީ
އޮސްކާ ހޯދި "އެނަދަ ރައުންޑް" ގެ ރިމޭކެއް ލިއޮނާޑޯ ޑި ކެޕްރިއޯ ހަދަނީ

މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި 93 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމުގެ މަގާމު ހޯދި ޑެންމާކްގެ ފިލްމު ޑްރުކް (އެނަދަ ރައުންޑް) ގެ ހޮލީވުޑްގެ ވާޝަނެއް ހަދަން މަޝްހޫރު އެކްޓަރު ލިއޮނާޑީ ޑި ކެޕްރިއޯ ނިންމައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމުގެ ރައިޓްސް ހޯދައި، އޭގެ ސްކްރީންޕްލޭ ފައްކާކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

"އެނަދަ ރައުންޑް" އަކީ ތޯމަސް ވިންޓަބާގް ޑައިރެކްޓްކުރި ކޮމެޑީ-ޑްރާމާއެކެވެ. އޭގެ ލީޑް ރޯލު ކުޅުނީ ހޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ޑެންމާކްގެ އެކްޓަރު މެޑްސް މިކެލްޒެން އެވެ. އޭނާ އަކީ ދާދި ފަހުން ޖޯނީ ޑެޕްގެ ބަދަލުގައި "ފެންޓާސްޓިކް ބީސްޓް 3" އަށް ހަމަޖެއްސި އެކްޓަރެވެ.

ލިއޮނާޑޯ "އެނަދަ ރައުންޑް" ގެ ރިމޭކެއް ހަދަން ނިންމާފައިވާތީ އެކަމާ ބެހޭ ގޮތުން ތޯމަސް ބުނީ އޭނާ އެ ވާހަކަ އަޑު އެހީ މީޑިއާތަކުން ކަމަށާއި އެކަމަކު ރިމޭކް އޮތީ ވަރުގަދަ ބައެއްގެ އަތުގައި ކަމަށްވާތީ އެކަމާ ކަންބޮޑުނުވާ ކަމަށް ބުންޏެވެ. ނަމަވެސް ބައެއް މީހުން ވަނީ ރިމޭކުން އޮރިޖިނަލް ފިލްމުގެ ޖާދޫ ގެއްލުވާލައި، އެ ފިލްމު ހަލާކުކޮށްލާނެ ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. އެހެންވެ އިނގިރޭސި ބަހުން ހެދުމަށް ވުރެ، "އެނަދަ ރައުންޑް" އިނގިރޭސި ބަހުން ސަބް-ޓައިލްޓްކޮށްލުމުން ފުދޭނެ ކަމަށް ބުނެފައިވެ އެވެ.

ރިމޭކް ހަދާ އިރު ތޯމަސްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ އެވެ. "އެނަދަ ރައުންޑް" އަކީ އޭނާ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.

ކޮލައިޑާ އަށް ދިން އިންޓަވިއުއެއްގައި ތޯމަސް ބުނީ އޭނާގެ ކުރީގެ މަސައްކަތްތަކެއް ވެސް މީގެ ކުރިން އެތައް ބަހަކުން އަލުން ހަދާފައިވާ ކަމަށާއި "އެނަދަ ރައުންޑް" ގެ ރިމެކާ މެދު ކުރެވޭ އުންމީދުތައް ބޮޑު ކަމަށެވެ.

ފިލްމުގެ ތަޖުރިބާ ހިއްސާކުރަމުން ތޯމަސް ބުނި ގޮތުގައި ފިލްމުގެ ލީޑް ރޯލަށް މިކެލްޒަން ނެގުމުގެ ކުރިން އޭނާ ހުރީ ދެ ހިޔާލެއްގަ އެވެ. އެއީ އޭނާ އަކީ ފިލްމަށް ހެޔޮވަރު އެކްޓަރުކަމާ ދޭތެރޭ ސުވާލު އުފެދުން ކަމަށް ބުންޏެވެ. އެކަމަކު މިކެލްޒެންގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށާއި އެހެން އެކްޓަރަކާ އެކު ފިލްމު ހެދި ނަމަ، އެ ފިލްމު އޮންނާނީ އެހެން ގޮތަކަށް ކަމަށް އޮސްކާގައި މޮޅު ޑައިރެކްޓަރުގެ މަގާމަށް ވެސް ވާދަކުރި ތޯމަސް ބުންޏެވެ.

ކޮލައިޑާ އިން ބުނި ގޮތުގައި "އެނަދަ ރައުންޑް" ގެ ރިމޭކް ހަދާ އިރު، ފިލްމުގެ ލީޑް ރޯލު ކުޅުމުގެ ފުރުސަތު ވެސް ބޮޑީ "ޓައިޓޭނިކް" ކުޅެގެން މަޝްހޫރުވި ލިއޮނާޑޯ އެވެ.