01 މެއި 2021 - 13:09

އެމްސްޓަޑަމް (މެއި 1) - ޓޮޓެންހަމް ހޮޓްސްޕާސް އިން ފާރަލަމުން ދަނިކޮށް، އަޔެކްސްގެ ކޯޗް އެރިކް ޓޭން ހޭގް، އެ ކުލަބުގެ ކޮންޓްރެކްޓް އާކޮށްފި އެވެ.
ހެޑް ކޯޗަކު ހޯދުމަށް މަސައްކަތް ކުރަމުންދާ، ސްޕާސް އިން މަޑުކޮށްގެން ތިބީ، ފެށޭ ހަފުތާގައި ޓޭން ހޭގްއާ އެކު ވާހަކަތައް ކުރިއަށް ގެންދިއުމަށެވެ. ޓޮޓެންހަމް އިން ވިސްނުން ގެންގުޅުނީ، އަޔެކްސް އަށް ޑަޗް ލީގުގެ ޗެމްޕިއަންކަން ކަށަވަރު ވުމުން ނޫނީ ޓޭން ހޭގްއާ ވާހަކަ ނުދެއްކުމަށެވެ. މާދަމާ އަޔެކްސް ކުޅޭ މެޗުން ޕޮއިންޓެއް ހޯދިޔަސް އަޔެކްސް އަށް ލީގު ލިބޭނެ އެވެ.
ޓޮޓެންހަމް އިން، ޓެން ހޭގަށް ޝައުގުވެރިވާ ކަމަށް މީޑިއާގައި އަޑު ފެތުރުނުތާ 12 ގަޑިއރު ނުވަނީސް، އަޔެކްސްގެ ވެބްސައިޓްގައި އިއުލާން ކޮށްފައި ވަނީ އަޔެކްސްގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް ޓޭން ހޭގް އާ ކޮށްފައިވާ ކަމަށެވެ. ކުރިން އޮތް ގޮތުން ނަމަ، ޓޭން ހޭގްގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ ސީޒަނެކެވެ. މިހާރު އަލަށް ހެދި ކޮންޓްރެކްޓްގެ ދަށުން އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2023 ގަ އެވެ.
ކޮންޓްރެކްޓް އާ ކުރުމަށް ފަހު ޓޭން ހޭގް، އަޔެކްސްގެ ވެބްސައިޓަށް ބުނެފައި ވަނީ އޭނާ ބިޒީވެފައި ވަނީ އަޔެކްސްގެ މަސައްކަތުގައި ކަމަށާއި އޭނާގެ ސިކުނޑި އާއި ހިތް ވެސް ވަނީ އަޔެކްސްއާ އެކުގައި ކަމަށެވެ.
އިނގިރޭސި މީޑިއާތަކުން ބުނެފައި ވަނީ، އަޔެކްސްއާ އެކު އޭނާ ކޮންޓްރެކްޓް އާ ކުރުމުން، ޓޮޓެންހަމްއިން ޓޭން ހޭގްގެ ހިޔާލު ދޫކޮށްލާފައިވާ ކަމަށެވެ.
ޓޮޓެންހަމް އިން އެންމެ ބޮޑު ޓާގެޓެއްގެ ގޮތުގައި ކަނޑައެޅީ، ރެޑްބުލް ލައިޕްޒިގްގެ ކޯޗް ހޫލިއަން ނާގެލްސްމަންއެވެ. އަންނަ ސީޒަންގައި ބަޔާންގެ ކޯޗަކަށް ބަދަލުވާން ނާގެލްސްމަން ވަނީ އެއްބަސްވެފަ އެވެ. ބަޔާން އިން ވަނީ އޭނާގެ ޓްރާންސްފާގެ ގޮތުގައި، ލައިޕްޒިގަށް 20 މިލިއަން ޔޫރޯ ދޭން އެއްބަސްވެފަ އެވެ.
ޓޮޓެންހަމް އިން ޝައުގުވެރިވާ ލިސްޓްގައި ތިބި ފާހަގަ ކުރެވޭ ކޯޗުންނަކީ، ލައިޕްޒިގްގެ ކުރީގެ ކޯޗް ރާފް ރަންގްނިކް، ބްރއަިޓޮންގެ ގްރެއަމް ޕޯޓާ، ފުލަމްގެގެ ސްކޮޓް ޕާކާ އެވެ.