01 މެއި 2021 - 11:53

ބާސެލޯނާ (1 މެއި) - ގްރަނާޑާ އާ ދެކޮޅަށް ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުގައި، ބަދަލު ރެފްރީއާ ދިމާލަށް އެއްޗެއް ބުނުމުން ރަތް ކަޑު ދައްކައި ބެންޗުން ފޮނުވާލި، އެފްސީ ބާސެލޯނާގެ ކޯޗް ރޮނަލްޑް ކޫމަން، ދެ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.
ކޫމަން އަށް ގެއްލޭނީ، ލަ ލީގާގައި ބާސާއަށް އެންމެ މުހިންމު ދެ މެޗެވެ. އަންނަ އާދިއްތަ ދުވަހުގެ ރޭ ވެލެންސިއާ އާ ދެކޮޅަށް މެސްޓެޔާގައި ބާސާ ކުޅޭ މެޗާއި، އަންނަ ހޮނިހިރު ދުވަހުގެ ރޭ، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކޭމްޕް ނޯ ގައި ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭން ކޫމަން އަށް ބެންޗުގައި ނީނދެވޭނެ އެވެ.
ގްރަނާޑާ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލީގު ހޯދުމުގެ ފުރުސަތު ބާސާއަށް ވަނީ ހަނިވެފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ އާއި ބާސާއާ ދެމެދު ދެ ޕޮއިންޓް ފަރަގު އެބަހުއްޓެވެ. ލީގު ޑިސައިޑިން މެޗުގެ ގޮތުގައި މަޝްހޫރު ވެފައިވާ އެތުލެޓިކޯގެ މެޗުގައި ކޫމަން ބެންޗުގައި ނެތުމަކީ ބާސާގެ ޓީމަށް ކުރިމަތިވާނެ އުނދަގޫ މައްސަލައެކެވެ.
ގްރަނާޑާ މެޗުގައި ބެންޗުން ފޮނުވާލަން ޖެހޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެ ކަމަށް، ކޫމަން ވަނީ ބުނެފަ އެވެ.
"އެމީހުން ބުނަނީ ހަތަރު ވަނަ އޮފިޝަލަށް ބޭއިހުތިރާމު ވާގޮތަށް ވާހަކަ ދެއްކީ އޭ،" ކޫމަން ބުނެފައި ވެއެވެ. "އަހަރެން ބޭނުން ބަލަން ކޮން ވާހަކައެއްތޯ އަހަންނަށް ބުނެވުނީ ބޭއިހްތިރާމް ވާގޮތަށް. އަހަންނާ ރޫޑްކޮށް ވާހަކަ ދެއްކީ އޭނަ. އަހަރެން ނުބުނާ އެއްޗެއް ރެފްރީ ރިޕޯޓްގައި ހިމަނާފައި ވާނަމަ އެކަމާ ކޮންމެވެސް ކަމެއް އަހަރެން ކުރަން ޖެހޭނެ."