ކޮވިޑް-19: އަނެއްކާވެސް 400 އިން މަތީގެ ދުވަހެއް
ކޮވިޑް-19: އަނެއްކާވެސް 400 އިން މަތީގެ ދުވަހެއް

ރާއްޖެ އިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 465 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން އެ ބަލި ޖެހުނު މީހުންގެ އަދަދު 400 އަށް ވުރެ މަތިވީ ދެ ފަހަރެއްގެ މަތިންނެވެ. އެއީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ހަވީރު 6:00 އިން ބުދަ ދުވަހުގެ ހަވީރު 6:00 އަށް އަދި އިއްޔެގެ ހަވީރު 6:00 އިން މިއަދުގެ ހަވީރު 6:00 އަށެވެ. އަންގާރަ ދުވަހުގެ ހަވީރު 6:00 އިން ބުދަ ދުވަހުގެ ހަވީރު 6:00 އަށް ޕޮޒިޓިވްވީ 464 މީހެކެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 465 އެވެ. މިއީ އެންމެ އަކުރެއްގެ ތަފާތެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3،305 ސާމްޕަލް ނަގާފައިވެ އެވެ. އޭގެ ތެރެއިން 465 މީހަކު ޕޮޒިޓިވްވިއިރު މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ދުވަހެވެ.

އެ 456 މީހުންގެ ތެރޭގައި ހިމެނެނީ މާލެ އިން ބަލި ޖެހުނު 193 މީހަކާއި ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވި 242 މީހަކާއި ރިސޯޓުތަކުން 25 މީހެއް އަދި ސަފާރީތަކުން ފަސް މީހެކެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު އުޅެނީ 29،835 ގަ އެވެ. މިވަގުތު ކޮވިޑުން 4،978 މީހަކު ރަނގަޅު ނުވެ އެބަތިއްބެވެ. ރަނގަޅުވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 24،775 ގަ އެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައް ވެސް 146 އަށް އިތުރުވެފައިވާއިރު މިހާތަނަށް 73 މީހަކު ކޮވިޑްގައި މަރުވެފައިވެ އެވެ.