01 މެއި 2021 - 14:22

އެއްބަސްވުންތަކުގައި ހިމަނައިގެން ނަގާ ބޮޑެތި ޖޫރިމަނާގެ އަދަދުތައް ކޯޓުތަކުން ނަގައި ނުދެވޭނެ ކަމަށާއި އަދި އެފަދަ މައްސަލަތަކުގައި ފައިސާ ނަގައިދެވޭނީ ގެއްލުމުގެ ބަދަލު ނަގައިދޭ އުސޫލުން އަދި އެކަށީގެންވާ މިންވަރުގެ ބަދަލަކަށްވާ ނަމަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ކަނޑައެޅޭ ވަކި ރޭޓަކުން ޖޫރިމަނާ އަރަމުންދާ ގޮތަށް އެއްބަސްވުންތަކުގައި ހިމަނާފައި ހުރެ އެވެ. އެ ފައިސާ ނުދައްކައިގެން ކޯޓަށް ދާއިރު ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައި ހުރެ އެވެ. އެހެންވުމުން ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތައް ދައްކަން ކޯޓުތަކުން ހުކުމްކޮށްފައި ހުރެ އެވެ.
އެއްބަސްވުންތަކުގައި އޮޮތަސް، ކޯޓުތަކުން އެ ފައިސާ ނަގައިނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އަމިއްލަ ދެ މީހެއްގެ ދެމެދުގައި ހެދި އެއްބަސްވުމެއްގެ މައްސަލައިގަ އެވެ. އެ އެއްބަސްވުން ބުނާގޮތުން ފައިސާ ދައްކަންޖެހޭ މުއްދަތަށް ވުރެ ލަސްވާ ކޮންމެ ދުވަހަކަށް، ނުދައްކާ ހުރި އަދަދުގެ 10 ޕަސެންޓްގެ ޖޫރިމަނާއެއް އަރާނެ އެވެ. އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ 346،000 ޑޮލަރު ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 5 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެރި އެވެ. ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ޖޫރިމަނާގެ އަދަދު ކޮންމެވެސް ވަރަކަށް ކުޑަ ކުރުމަށް ފަހު ހުކުމްކުރީ ޖޫރިމަނާއާ އެކު ޖުމްލަ އެއް މިލިއަން ޑޮލަރު ދެއްކުމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުރާސްފަތި ކުރި ހުކުމުގައިވަނީ އެއްބަސްވުމުގައި ބަޔާންކުރާ ކަމަކާ ޚިލާފްވުމުން ބަދަލެއް ދައްކަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި އޮތަސް، އެ ފައިސާ ކޯޓުތަކުން ނަގައިދޭނީ އެއީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ބަދަލު ނަގައިދޭ މާއްދާއެއް ކަމަށްވާ ނަމަ އަދި އެ ބަދަލަކީ ގެއްލުން ފޫބައްދަން އެކަށީގެންވާ މިންވަރުގެ ބަދަލަކަށް ވާ ނަމަ ކަމަށެވެ. އޭގެ ބަދަލުގައި އެ ބަދަލަކީ އަނެއް ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން ހިމަނާފައިވާ ޕެނަލްޓީ ކްލޯޒް މާއްދާއެއް ނަމަ، އެ ފައިސާ ކޯޓުތަކުން ނަގައި ނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން ޖޫރިމަނާ އަރާ ގޮތަށް އެއްބަސްވުންތަކުގައި ހިމަނާ މާއްދާތަކަކީ ޕެނަލްޓީ ކްލޯޒެއް ކަން ނުވަތަ ލިކުއިޑޭޓަޑް ޖެމޭޖަސް ނަގާ މާއްދާއެއް ކަން ކޯޓުތަކަށް ދެނެގަނެވިދާނެ އެވެ. އެގޮތުން ޖޫރިމަނާ އަރާ ގޮތަށް އޮޮތް މާއްދާއަކީ އަސްލީ އިލްތިޒާމުން ބޭރުން އޮތް މާއްދާއެއް ކަމަށްވާ ނަމަ އަދި އެއީ ނުބައްދަލު ބުރައެއް ނުވަތަ އަދަބެއް ދިނުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއް ނަމަ، އެއީ ޕެނަލްޓީ ކްލޯޒެއް ކަމަށް ބެލެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެން ނަމަވެސް، އެ މާއްދާއަކީ އެކަށީގެންވާ އަދަދެއް ނެގުމަށް ހިމަނާފައި އޮޮތް މާއްދާއެއް ނަމަ އަދި އެއީ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަން ބާރު އަޅާ މާއްދާއެއް ނަމަ، އެއީ ޕެނަލްޓީ ކްލޯޒެއް ކަމަށް ނުބެލެވޭނެ ކަމަށް ބޭރު ގައުމުތަކުގެ ބައެއް ކޯޓުތަކުގެ ނިންމުންތަކާ ހަވާލާދީ އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު މަހާޒްގެ ރައުޔުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުން ދެ ފަރާތުން ބޭނުންވާ ގޮތަށް އެއްބަސްވުންތައް ހެދުމުގެ މިނިވަންކަން ލިބިފައި އޮތަސް، އެއްބަސްވުންތަކުގައި އޮންނަ ޕެނަލްޓީ ކްލޯޒް މާއްދާތައް ކޯޓުތަކުން ތަންފީޒުކޮށްދޭން ނުޖެހޭނެ ކަމަށާއި އެގޮތަށް ބޭރު ގައުމުތަކުގެ ކޯޓުތަކުން ވެސް ނިންމާފައި އެބަހުރި ކަމަށެވެ. އަދި ޕެނަލްޓީ ކްލޯޒް މާއްދާތައް ކޯޓުތަކުން ތަންފީޒުކޮށްދޭ ނަމަ، އާދަޔާ ޚިލާފް ބޮޑެތި އަދަދުތައް ޖޫރިމަނާގެ ގޮތުގައި ހޯދުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ފަނޑިޔާރު މަހާޒްގެ ރައުޔުގައިވެ އެވެ.
ފަނޑިޔާރު މަހާޒްގެ ރައުޔުގައި އިތުރަށް ބުނެފައިވަނީ އެއްބަސްވުމާ ޚިލާފްވުމުން ނަގައިދެވޭ ބަދަލަކީ އަނެއް ފަރާތަށް ލިބުނު ގެއްލުން ފޫބައްދަން ނަގައިދެވޭ ބަދަލުތަކެއް ކަމަށާއި އެއީ މީހަކަށް އަދަބެއް ދިނުމުގެ ގޮތުން ނަގައިދޭ ބަދަލުތަކެއް ނޫން ކަމަށެވެ. ޕެނަލްޓީ ކްލޯޒްތައް ބޭރު ގައުމުތަކުގެ ކޯޓުތަކުން ތަންފީޒުކޮށް ނުދޭ އެއް ސަބަބަކީ އެއީ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެހެން ގައުމުތަކުގައި ކޯޓުތަކުން ބަދަލު ނަގައިދެނީ ގެއްލުމާ އެކަށީގެންވާ އަދަދެއް ކަން ކަށަވަރު ކުރުމަށް ފަހު ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ޤާނޫނު އޮތްގޮތުން ރާއްޖޭގެ ކޯޓުތަކަށް އަމިއްލަ އިސް ނެގުމުގައި ގެއްލުމުގެ ބަދަލުގެ މިންވަރު ކުޑަ ކުރުމުގެ ބާރު ލިބިފައި ނެތް ކަމަށް އެ ރައުޔުގައިވެ އެވެ.
ފަނޑިޔާރު ޝުޖޫނާއި ފަނޑިޔާރު މަހާޒްގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވަނީ އެ މައްސަލާގައި ހިމެނޭ އެއްބަސްވުމުގައި އޮތީ ޕެނަލްޓީ ކްލޯޒްގެ މާއްދާއެއް ކަމަށްވާތީ ޖޫރިމަނާ ފައިސާ ދައްކަން ހުކުމް ނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ދައްކަން ޖެހެނީ އެއްބަސްވުމުގެ ދަށުން އަސްލު ދައްކަންޖެހޭ 346،000 ޑޮލަރު ކަމަށް އެ ހުކުމުގައިވެ އެވެ.
ޕެނަލްޓީ ކްލޯޒްގެ ދަށުން ޖޫރިމަނާ ނަގައިދިނުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ދުރަށް ދާންޖެހޭ ކަމަށް ވެސް އެ ދެ ބޭފުޅުންގެ ރައުޔުގައިވެ އެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ރައުޔަކީ ޕެނަލްޓީ ކްލޯޒްގެ މާއްދާގެ ދަށުން ޖޫރިމަނާ ނަގައިދެވޭނެ ކަމަށެވެ. އެކަމަކު އަސްލު އަދަދަށް ވުރެ ޖޫރިމަނާ ބޮޑުވެގެންދާ ނަމަ، ކޯޓުތަކަށް ޖޫރިމަނާ ކުޑަ ކުރެވިދާނެ ކަމަށް އެ ރައުޔުގައިވެ އެވެ. އެހެންވެ، އޭނާގެ ރައުޔަކީ އެ މައްސަލާގައި ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 346،000 ޑޮލަރާ އެއްވަރުގެ ޖޫރިމަނާއަކަށް ޖޫރިމަނާ ކުޑަ ކުރުމަށެވެ.