ދިއްލީގައި މަރުވާ މީހުން އަންދާނެ ޖާގައެއް ނެތް!
ދިއްލީގައި މަރުވާ މީހުން އަންދާނެ ޖާގައެއް ނެތް!

ނިއު ދިއްލީ (އެޕްރީލް 30) - ކޮވިޑުގައި މަރުވާ މީހުންގެ އަދަދު އިތުރުވެ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މީހުން އަންދާނެ ޖާގަ ހޯދަން ދަތިވެއްޖެ އެވެ.

ދެ ވަނަ ރާޅުގެ ބިރު އިންޑިއާ އަށް ބޮޑުވެފައިވާ އިރު ބުރާސްފަތި ދުވަހު އެކަނިވެސް ވަނީ 386،452 މީހުން ޕޮޒިޓިވްވެ 3،500 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އޭގެ ތެރޭން 400 މީހުން މަރުވެފައި ވަނީ ވެރިރަށް ދިއްލީންނެވެ. މިއީ ދިއްލީން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިންޑިއާ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 18 މިލިއަނަށް އަރައިފަ އެވެ.

ދިއްލީގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ މަރުވާ މީހުން އަންދަން ޚާއްސަކޮށްފައިވާ ތަންތަނުގެ ޖާގަ ފުރިގެން އެހެން ތަންތަން ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ. ބައެއް އާއިލާތަކުން ދަނީ ކާރު ޕާކިންތަކުގައި ވެސް މީހުން އަންދަމުންނެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން މިދިޔަ އަހަރު ވަނީ ކޮވިޑުގައި މަރުވާ މީހުން އެންދުމަށް ޚާއްސަ ގައިޑްލައިނެއް ހަދައިފަ އެވެ. އެ ގައިޑްލައިންގައިވާ ގޮތުން މީހުން އަންދާ ތަންތަނުގައި ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތައް އަޅަން ޖެހެ އެވެ.

އަނެއްކޮޅުން ނިއު ދިއްލީގައި މަރުވާ މީހުން އެންދުމަށް ދަރު ނުލިބުމުގެ މައްސަލަ ވެސް މިހާރު ވަނީ ކުރިމަތިވެފަ އެވެ.

ކޮވިޑުގައި ޕޮޒިޓިވްވާ މީހުން ރެކޯޑް އަދަދުތަކުން އިތުރުވަމުންދާއިރު މައި ސަރުކާރަށް ދަނީ ފާޑުކިޔުންތައް އިތުރުވަމުންނެވެ. ސަރުކާރުން ހުއްދަ ދީގެން ދާދި ފަހުން ވަނީ ދީނީ ފެސްޓިވަލްތަކާއި އިންތިޚާބުގެ ބޮޑެތި އެއްވުންތައް ބާއްވައިފަ އެވެ. ނަމަވެސް އިންޑިއާގެ ހެލްތު މިނިސްޓަރު ވަނީ ސަރުކާރު ދިފާއު ކޮށްފަ އެވެ. އޭނާ ވިދާޅުވީ މަރުވާ މީހުންގެ ރޭޓް ދުނިޔޭގެ ނިސްބަތުން އެންމެ ދަށުގައި އުޅޭ ގައުމަކީ އިންޑިއާ ކަމަށެވެ. އަދި އޮކްސިޖަން ސަޕްލައި ވެސް އެކަށީގެންވާ މިންވަރެއް އިންޑިއާގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.