30 އެޕްރީލް 2021 - 17:03

ބީއެމްއެލްގެ މާލީ ހާލަތު ރަނގަޅުވެ، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާ އިތުރުވެއްޖެ އެވެ.
އެ ބޭންކުގެ މާލީ ރިޕޯޓު ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 357.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 23 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ބޭންކަށް 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނީ 291 މިލިއަން ރުފިޔާގެ ފައިދާ އެވެ.
ކޮވިޑް-19ގެ ސަބަބުން ލޯނުތައް ފަސްކޮށްދިނުން ފަދަ ކަންކަމާ ހެދި ބޭންކުގެ މާލީ ހާލަތު މިދިޔަ އަހަރު ވަނީ ދަށްވެފަ އެވެ. ނަމަވެސް މިދިޔަ ކުއާޓާގެ ރިޕޯޓުތަކުން ބޭންކުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ބޭންކުން ބުނެ އެވެ. އަދި މިއީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބޭންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރުން އަރައިގަތުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ބުންޏެވެ.
ބީއެމްއެލްގެ ރިޕޯޓުން ދައްކާގޮތުގައި ފުރަތަމަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 537 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 25 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ ބޭންކަށް ލިބުނީ 427.5 މިލިއަން ރުފިޔާ އެެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓީމް ސޯޔާ ވިދާޅުވީ ފުރަތަމަ ކުއާޓާގެ ނަތީޖާ ރަނގަޅުވިނަމަވެސް މިހާރުގެ ހާލަތުން އަރައިގަންނަން އަދިވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނީގެ ހިންގުން ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ރާވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރީގެ މައިގަނޑު ދާއިރާ ތަކުން ލިބުނު ނަތީޖާއާއެކު ކޮވިޑް-19އާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ހާލަތު ރަނގަޅު ވަމުންދާކަމުގެ ނިޝާންތައް މިދަނީ ފެންނަމުން. މީގެ ތެރޭގައި ކާޑުން ލިބޭ އާމްދަނީވެސް ހިމެނޭ. ކަސްޓަމަރުންނާއި މުޖުތަމައަށް އެހީވުމަށް ކުރާ އިންވެސްޓްމަންޓާއި ބޭންކުގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އައު ޕްރޮޑަކްޓާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާނަން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ބޭންކުގެ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުން ގެންދާނެ ކަމަށާއި އާ ޕްރޮޑަކްޓުތަކާއި ހިދުމަތްތައް ތައާރަފު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޓިމް ވިދާޅުވި އެވެ.