ރަސްދޫން ބަޔަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް
ރަސްދޫން ބަޔަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް

ފްލޫ ކްލިނިކަށް ދެއްކި ފަސް މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވުމުން އއ. ރަސްދުއަށް އަރައިފޭބުން މިއަދު މަނާކޮށްފި އެވެ.

އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރިޔާޒު ވިދާޅުވީ މިހާތަނަށް 20-30 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޕޮޒިޓިވްވި މީހުން ފްލޫ ކްލިނިކަށް ދެއްކީ ވެސް ހުން އައިސް، ރޯގާ ޖެހިފައި ހުރުމުންނެވެ. އެ މީހުންގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކިގޮތެއް އަންގަންދެން އެ ރަށް ވަނީ މެންދުރުފަހު 2:00 ހާއިރު މޮނިޓަރިންނަށް ލައިފަ އެވެ.

ރަސްދުއަކީ ގެސްޓްހައުސްތައް ހިންގާ ރަށެކެވެ. އެ ރަށުގައި މި ވަގުތު ވެސް، ކޮވިޑުގައި މުޅި ދުނިޔޭގައި ވެެސް އެންމެ ހާލަތު ގޯސްވެފައިވާ އިންޑިއާ ޓުރިސްޓުން ތިއްބަސް، ޕޮޒިޓިވްވި މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން،" ރިޔާޒު ވިދާޅުވި އެވެ.

މާލެއާ އެއްގޮތަށް އެކި ރަށްރަށުގައި ވެސް ހަލުއިކަމާއެކު ދަނީ ކޮވިޑު ފެތުރެމުންނެވެ. މިހާރު ވެސް ރަށްރަށުގައި ބަލީގެ އެކްޓީވް 1،200 ކޭސް ހިމެނެ އެވެ.