30 އެޕްރީލް 2021 - 17:13

ހިނިގަނޑު ޖަހާގޮތުން އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބި ސޯޝަލް މީޑިއާ މީމްތަކުން ޖާގަ ހޯދި ސްޕެއިންގެ ކޮމީޑިއަން ހުއާން ހޯޔާ ބޮރްޚާ ބުދަ ދުވަހު މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "އެލް ރިޒިޓާސް" ގެ ނަމުން މަޝްހޫރުވި ހުއާން މަރުވީ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. "ސްޕެނިޝް ލާފިން ގާއި" ގެ ނަމުގައި ވެސް ގިނަ ބަޔަކު ސިފަކުރި ކޮމީޑިއަން ވަރަށް ބަލިވެ އުޅޭ ވާހަކަ އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެކަމަކު އޭނާގެ ސިއްހީ މައްސަލަތަކާ ބެހޭ މާ ބޮޑު ތަފުސީލެއް ހިއްސާއެއް ނުކުރެ އެވެ.
އެކަމަކު އޭނާގެ އެއް ފައި ބުރިކޮށްލަން ޖެހުމާ ގުޅިގެން ހަރަކާތްތެރިވެ އުޅެން އިލެކްޓްރިކް މޮބިލިޓީ ސްކޫޓަރެއް ގަނެދޭން ފޭނުންތަކެއް ފަންޑްރައިޒިން ހަރަކާތެއް ކުރިއަށް ގެންގޮސްފައިފާތީ އެކަމަށް މިދިޔަ މަހުގެ ތެރޭގައި ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
ހުއާންގެ މަޖާ ހިނިގަނޑާއި އޭނާ ދައްކާފައި ހުރި ސަމާސާ ވާހަކަތަކުގެ ތެރެއިން ސްޕެއިންގެ ގައުމީ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކެއް 2014 ގައި ސަބްޓައިލްޓްކޮށްގެން ދައުރުކުރަން ފެށުމުން ވަރަށް ބޮޑަށް ވައިރަލްވެފައިވެ އެވެ.
ހުއާން އަށް އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ 2007 ގައި ސްޕެއިންގެ މަޝްހޫރު ލޭޓް-ނައިޓް ޝޯ "ރެޓޯނެސް ކޮލޮރާއޯސް" އަށް އަރައި، ކައްކާ ތަނެއްގެ ހެލްޕަރަކަށް އުޅުނު ދުވަސްވަރު ދަންވަރު ގިނަ ތަށިތަކެއް ދޮންނަން ޖެހިގެން އެ އެއްޗެހި ރޭގަނޑު މޫދަށް ލައިގެން އުޅުނު ވާހަކަ ވަރަށް މަޖާކޮށް ކިޔައިދީފައިވެ އެވެ.
މިގޮތަށް ކިޔައިދޭ ވާހަކަތަކުގެ ތެރޭގައި ހުއާން ޖަހާ މަޖާ ހިނިގަނޑުން އޭނާގެ މޫނުމައްޗަށް އަންނަ ކުލަވަރަކީ ގިނަ ބައެއްގެ މެދުގައި މިހާރު ވެސް މީމްގެ ގޮތުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ.