30 އެޕްރީލް 2021 - 14:26

އަރަބިއްޔާ ސްކޫލުގެ ފުލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި މަރާމާތުތަކެއް ކުރަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އެ މިނިސްޓްރީން އެހެން ބުނެފައިވަނީ، އެ އިމާރާތުގައި ރެނދުލާފައިވާ ފޮޓޯތަކެއް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައި ވަނިކޮށެވެ.
މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކޮންސަލްޓަންޓުން އަރަބިއްޔާ ސްކޫލުގެ ފުލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި މަރާމާތުތަކެއް ކުރަންޖެހޭ ކަން ފާހަގަވެފައިވާ ކަމަށެވެ.
މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އަންނަ ހޯމަ ދުވަހު އިއުލާނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލު އެންމެ ފުރަތަމަ ހިންގީ އީޕީއެސް ކުރިން ހުރި އިމާރާތުގަ އެވެ. އޭގެ ފަހުން މަޖީދީ މަގުގައި ޓާޓާ ފްލެޓުތައް އަޅާފައި ހުރި ތަނާއި މަންދު ކޮލެޖު ހިންގި އެމްއީއެސް އިމާރާތުގައި ވެސް އަރަބިއްޔާ ސްކޫލު ހިންގި އެވެ.
މިހާރު އެ ސްކޫލު ހިންގާ އާ އިމާރާތް އެއްކޮށް ނިމުމުން އެ ތަނަށް ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ.