ޓޮޓެންހަމްގެ ޓާގެޓަކަށް އަޔެކްސްގެ ޓެން ހޭގް
ޓޮޓެންހަމްގެ ޓާގެޓަކަށް އަޔެކްސްގެ ޓެން ހޭގް

ލަންޑަން (30 އޭޕްރީލް) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗަކަށް، އަޔެކްސްގެ ކޯޗް އެރިކް ޓެން ހޭގް ގެނައުމަށް ޓޮޓޮންޙަމް ބޭނުންވާ ކަމަށް އިނގިރޭސި މީޑިއާއިން ބުނެފި އެވެ.

ދި ގާޑިއަންގައި ބުނެފައި ވަނީ، ޑަޗް ލީގު އަޔެކްސްއަށް ކަށަވަރު ވުމުން، ޓެން ހޭގް އާ އެކު ޓޮޓެންހަމްއިން ވާހަކަ ދައްކާނެ ކަމަށެވެ. ލީގު ޗެމްޕިއަންކަން ހޯދަން އަޔެކްސް އަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ކޯޗަކަށް ގެންނާނީ ޓެން ހޭގްތޯ މުޅިން ފައިނަލު ނުކުރެވެއެވެ. ޓޮޓެންހަމްގެ ލިސްޓްގައި ރެޑްބުލް ލައިޕްޒިގްގެ ކުރީގެ ކޯޗް ރާފް ރަންގްނިކްގެ ނަންވެސް އެބައޮތެވެ. އޭނާ ހުރީވެސް ހުސްކޮށެވެ.

ޓޮޓެންހަމްއިން ގަބޫލު ކުރަނީ، އެ ކްލަބުގެ ޕްރަޕޯސަލް އާމެދު މަޝްވަރާ ކުރަން ޓެންހޭގްގެ ފަރާތުން ފުރުސަތު ލިބޭނެ ކަމަށެވެ. ޓެންހޭގް، 51 އަޔެކްސް ގައި ހުރީ ހިތްހަމަ ޖެހިގެންނެވެ. އޭނާ އާއި އެ ޓީމުގެ ޑައިރެކްޓާ އޮފް ފުޓްބޯލް މާކް އޯވާމާސް އާ ދެމެދުވެސް ރަނގަޅު ގުޅުމެއް އެބައޮތެވެ. ޑިސެމްބަރު 2017 ގައި އެ ޓީމާ ހަވާލުވި ޓޭން ހޭގް ވަނީ، ޑޮމެސްޓިކް ހުރިހާ ތައްޓެއް އަޔެކްސް އަށް ހޯދައިދީފަ އެވެ. އެހެންންވެ މިހާރު އޭނާ ހުރީ އާ ޗެލެންޖަކަށް ތައްޔާރުވެގެން ކަމަށް ވަނީ ބެލެވިފަ އެވެ.

ޓޮޓެންހަމްގެ ކޯޗް ކަމުގައި ހުރި ހޯޒޭ މޮރީނިއޯ މިދިޔަ ހަފުތާގައި ވަނީ އެ މަގާމުން ވަކި ކޮށްފަ އެވެ. އޭނާގެ ބަދަލުގައި އެ ކުލަބުން އެންމެ ބޭނުންވީ ލައިޕްޒިގްގެ ކޯޗް ހޫލިއަން ނާގެލްސްމަން ގެންނާށެވެ. އެހެންނަމަވެސް ދުނިޔޭގެ ރެކޯޑް ފީއެއްގައި އޭނާ ވަނީ ބަޔާން މިޔުނިކަށް ބަދަލުވާން އެއްބަސް ވެފަ އެވެ. އޭގެ ފަހުން ސަލްސްބާގް އެމެރިކާގެ ކޯޗް ޖެޒީ މާޝް އަށްވެސް ޓޮޓެންހަމް ޝައުގުވެރިވި އެވެ. އޭނާ ވަނީ އަންނަ ސީޒަންގައި ލައިޕްޒިގްގެ ކޯޗް ކަމާ ހަވާލުވާން އެއްބަސްވެފަ އެވެ.

ލެސްޓާ ސިޓީގެ ކޯޗް، ބްރެންޑެން ރޮޖާސްއަށް ވެސް ޓޮޓެންހަމް ޝައުގުވެރިވި އެވެ. އެހެންނަމަވެސް އޭނާ ދަނީ ލެސްޓާ އާއެކު ކާމިޔާބު މަސައްކަތެއް ކުރަމުންނެވެ. އަދި އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގު ޖާގައެއް އެ ޓީމަށް ހޯދައި ދިނުމަށް އޭނާ ހުރީ އަޒުމު ކަނޑައަޅާއިގެންނެވެ.

ޓޮޓެންހަމްގެ ވަގުތީ ކޯޗަކީ، އުމުރުން 29 އަހަރުގެ ރަޔާން މޭސަން އެވެ. މި ސީޒަން ނިމެންދެން އޭނާ ޓީމުގައި ހުންނާނެ އެވެ.