30 އެޕްރީލް 2021 - 13:54

ގޯއާ (30 އޭޕްރީލް) - އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ދެ ވަނަ ރާޅުގެ ނުރައްކާ ބޮޑުވުމުން، ގޯއާ އެފްސީގެ ބިދޭސީ ކުޅުންތެރިންނާއި ކޯޗުން އެނބުރި ގައުމަށް ދިއުމަށް އަންގައިފި އެވެ.
އެ ޓީމުގެ ކެޕްޓަން އެޑޫ ބަޑިއާ، ޑިފެންޑަރު އީވާން ގޮންޒާލޭޒް، މިޑްފީލްޑާ ޖޯޖް އޯޓިޒް އަދި ހެޑް ކޯޗް ހުއާން ފެނާންޑޯ، އަދި ކޮންޑިޝަނިން ކޯޗު ހާވި ގޮންޒާލޭޒަށް ވަނީ، އެ މީހުންގެ އަމިއްލަ ގައުމު ކަމަށްވާ ސްޕެއިނަށް އެނބުރި ދިއުމަށް އަންގައިފަ އެވެ. އަދި ޓީމުގެ ޑިފެންޑަރު އޮސްޓްރޭލިއާގެ ޖޭމްސް ޑޯނާޗީ އަށް ވެސް ވަނީ އެނބުރި ގައުމަށް ދިއުމަށް އަންގައިފަ އެވެ.
ބިދޭސީ ކުޅުންތެރިންނާއި ކޯޗުން އެނބުރި ގައުމަށް ދިއުމަށް އެންގީ އިންޑިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ގައުމުގައި އިތުރަށް މަޑުކޮށްފިނަމަ، އިންޑިއާގައި ގިނަ ދުވަސްތަކަށް ތާށިވުމުގެ ބިރު އޮތުމުންނެވެ.
"މި ކްލަބުގެ ފޮރިން ކޮންޓިންޖެންޓް ހެޑް ކޯޗާއި ފޮރިން ސްޓާފުން ހިމެނޭ ގޮތަށް، މިހަރުން މިހާރަށް އެބުރި ގައުމަށް ދިއުމަށް ވާނީ އަންގާފައި،" އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައި އެވެ. "މިގޮތަށް މި ނިންމީ އިންޑިއާ އިން ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އަޅާފާނެ ފިޔަވަޅުތަކަކުން ރައްކާތެރިވުމުގެ ގޮތުން."
އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އިންޑިއާ ތަމްސީލްކުރި ފުރަތަމަ ކްލަބު ކަމަށްވާ ގޯއާ އަށް ގުރޫޕް ސްޓޭޖު ފަހަނައަޅާއި ނުދެވުނެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން އެ ޓީމަށް ހޯދުނީ ތިން ޕޮއިންޓެވެ.
އިންޑިއާގައި އިއްޔެ އެކަނި ވެސް 379،257 މީހުންނަށް ކޮވިޑް ޖެހުނެވެ. އަދި ކޮވިޑް ޖެހިގެން އިއްޔެ 3645 މީހުން މަރުވި އެވެ. އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 18 މިލިއަނަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. އެއީ ދުނިޔެއިން އެންމެ ގިނައިން ކޮވިޑް ކޭސް ފެނުނު ގައުމެވެ.