އިންޑިއާގައި ތިބި އެމެރިކާ މީހުން ފައިބަން އިލްތިމާސްކޮށްފި
އިންޑިއާގައި ތިބި އެމެރިކާ މީހުން ފައިބަން އިލްތިމާސްކޮށްފި

ނިއު ދިއްލީ (އެޕްރީލް 29) - އިންޑިއާގައި ތިބި އެމެރިކާ މީހުން ވީހާވެސް އަވަހަކަށް އެ ގައުމުން ފޭބުމަށް އިލްތިމާސްކޮށްފި އެވެ.

އިންޑިއާގައި ހުންނަ އެމެރިކާ އެމްބަސީން މި އިލްތިމާސް އައިސްފައި ވަނީ އިންޑިއާ އިން ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަހަށް މީހުން ޕޮޒިޓިވްވަމުންދާ ދުވަސްވަރެއްގަ އެވެ. ބުރާސްފަތި ދުވަހު އެކަނިވެސް ވަނީ 379,257 މީހުން ޕޮޒިޓިވްވެފަ އެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާތަނަށް އެއް ދުވަހުން މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައެއް ނުވެ އެވެ. ކޮވިޑްގައި ބުރާސްފަތި ދުވަހު އިންޑިއާ އިން ވަނީ 3،645 މީހުން މަރުވެފަ އެވެ.

ސްޓޭޓް ޑިމާޓްމަންޓުން ވަނީ އިންޑިއާ އަށް ދަތުރު ނުކުރުމަށް ލެވެލް 4 ގެ އެޑްވައިޒަރީ ނެރެފަ އެވެ. އެމެރިކާގެ އެޑްވައިޒަރީގައި ވަނީ އެ ގައުމުގެ އެއްވެސް ރައްޔިތަކު މިދުވަސްވަރު އިންޑިއާ އަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އިންޑިއާގައި ތިބި އެމެރިކާ މީހުން ވެސް ވީހާވެސް އަވަހަކަށް އެ ގައުމުން ފުރައިގެން ދިއުމަށް އެދިފައިވެ އެވެ.

އެމެރިކާ މީހުން އިންޑިއާ އަށް ދަތުރު ނުކުރަން އިންޒާރު ދީފައިވާ އިރު ވައިޓް ހައުސް އިން ވަނީ އިންޑިއާ އަށް އެހީތެރިވެދޭނެ ކަމަށް ބުނެފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ 100 މިލިއަން ޑޮލަރުގެ އެހީ އިންޑިއާ އަށް ފޮނުވާނެ ކަމަށެވެ.