މައިމޫނާގެ ގެ ކައިރިއަށް އެއްވެ އިސްތިއުފާއަށް ގޮވައިފި
މައިމޫނާގެ ގެ ކައިރިއަށް އެއްވެ އިސްތިއުފާއަށް ގޮވައިފި

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ގެ ކައިރިއަށް އެއްވެ، އެކަމަނާގެ އިސްތިއުފާ އަށް ބަޔަކު މިރޭ ގޮވައިފި އެވެ.

ހުޅުމާލޭގައި އެކަމަނާ ދިރިއުޅުއްވާ ފްލެޓް ކައިރިއަށް ބަޔަކު އެއްވެ އިހުތިޖާޖު ކުރުމުން އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެ ތަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަން ހިއްސާކުރުން ފިޔަވައި އިތުރު ކޮމެންޓެއް ފުލުހުން ނުދެ އެވެ.

ޒުވާނުންތަކެއް އެ ގޭ ކައިރިއަށް އެެއްވެ، އެޗްޕީއޭގެ އުސޫލުތަކާ މެދު ނުރުހުން ފާޅުކުރަމުން ދިޔައީ ފުޓްބޯޅަ މުބާރާތެއް ހުއްޓުވުމުން ކަމަށް އެނގިފައިވެ އެވެ. ހުޅުމާލޭގައި ބޭއްވި އެ މުބާރާތް ފުލުހުން ހުއްޓުވީ އެޗްޕީއޭގެ އެންގުމަށް ކަމަށްވެ އެވެ.

މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވަނީ މައިމޫނާގެ ގެ ކައިރިއަށް އެއްވެ އަޑު އުފުލައިފަ އެވެ.

ކޮވިޑް-19 ހަލުވިކަމާ އެކު މާލޭގައި ފެތުރެމުންދާއިރު ވެސް އެޗްޕީއޭ އިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެކި މީހުންނާ މެދު އެކި ގޮތަށް އެޗްޕީއޭ އިން އަމަލުކުރަމުން ދިޔުމަކީ ވެސް އާންމުންގެ ކަންބޮޑުވުމެކެވެ.