30 އެޕްރީލް 2021 - 10:05

ސްކޫލްގައި އުޅުނުއިރު ކިޔެވުމަށް ދަށްކަމުން ޓީޗަރުން އޮތީ ޔާނިއާ މުހައްމަދު ޝާފިއު (ޔާން) އާ މެދު އުންމީދު ކަނޑާލައިފަ އެވެ. ޕްރައިމަރީ ގްރޭޑުތަކުގައި ޓީޗަރުން ބުނި ހިތްދަތިވާ ކިތަންމެ ބަހެއް ޔާންގެ ހަނދާނުގައި މިހާރުވެސް އެބަ ހުއްޓެވެ. އެކަމަކު މި ބަސްތަކުން އޭނާ ބިނާކުރަންފެށީ ކެރިއަރެވެ. ކިޔެވުމަށް ދަށްވިޔަސް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވާން ޔާން އަޒުމު ކަނޑައަޅައި އެ ހިސާބުން ވެސް މަސައްކަތް ފެށި އެވެ.

އުމުރުން 19 އަހަރުގައި ޔާން އަކީ މިހާރު ރެސްޓޯރެންޓް މެނޭޖަރެކެވެ. ޔާން އަކީ ހުޅުމާލޭގައި އަލަށް ހުޅުވި އޭނާގެ އާއިލީ ރެސްޓޯރެންޓް "ކުޒީން ކަލްޗާ"ގެ މެނޭޖަރު އެކަންޏެއް ނޫވެ. ރެސްޓޯރެންޓުގެ މެނޫ ތައްޔާރުކުރުމާއި މުވައްޒަފުން ތަމްރީންކުރުން ފަދަ މުހިންމު ހުރިހާ ކަމެއް އެއީ ޔާންގެ ޒިންމާ އެވެ.

ޔާން ބުނި ގޮތުގައި އޭނާއަށް ރެސްޓޯރެންޓު ދާއިރާއަށް ވަދެވުނީ ވެސް ކިޔެވުމަށް ދަށްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ކިޔެވުމަށް ދަށް ކުދިން ގްރޭޑް 8 ނިންމާފައި ބީ-ޓެކް ކިޔަވަން ޖެހޭތީ އޭނާ ނެގީ ބީޓެކްގެ ހޮސްޕިޓާލިޓީ ދާއިރާ އެވެ. މިއީ ޔާންގެ ކެރިއަރުގެ ފެށުމެވެ. އެ ހިސާބުން އޭނާގެ ގްރޭޑްތައް ވެސް ރަނގަޅުވި ކަމަށް ޔާން ބުންޏެވެ.
"ގްރޭޑް 8 ގައި ރިޒަލްޓް އެހާ ރަނގަޅެއް ނޫން. އެހެންވެ ބީޓެކް ނަގަން ޖެހުނީ. ޓީޗަރުންނާއި އެއަށްވުރެ މަތީ މީހުންގެ ފަރާތުން ވެސް ވަރަށް ކަންތައްތަކާ ދިމާވި. އެމީހުން ބުނީ ޔާންގެ ގާބިލުކަމެއް ނެތޭ. އެހެންވެ ބޭނުންވީ އެ މީހުންގެ ވިސްނުން ގޯސްކަން އަންގަން،" ޔާން ކިޔައިދިނެވެ.
އެ ހިސާބުން ލިބެން ފެށި ކުރިއެރުންތަކާ އެކު، ކިޔަވަމުން ދިޔަ އިރު ވެސް އޭނާއަށް ރާއްޖޭގެ ނަން މަޝްހޫރު ބައެއް ރެސްޓޯރެންޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. އެގޮތުން، ހޮސްޕިޓާލިޓީ ދާއިރާއިން ސަބްޖެކްޓް ޕްރައިޒް ލިބުމާ އެކު އޭނާއަށް ހޮޓެލް ޖެން އާއި ގޯޓް ފިޝްގައި އިންޓާނެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. އޭނާ ބުނި ގޮތުގައި ކެރިއަރެއްގެ ގޮތުގައި މި ދާއިރާ ބަލައިގަނެވުނީ ގޯޓް ފިޝްގައި މަސައްކަތް ކުރުމަށް ފަހު އެވެ.
ސްކޫލް ނިންމާލުމަށް ފަހު ޔާން ބޭނުންވީ ހޮސްޕިޓާލިޓީ ދާއިރާއިން އިތުރަށް ކިޔަވާށެވެ. ނަމަވެސް ޑިގްރީގެ ފުރަތަމަ އަހަރު ނިމުމަށް ފަހު ހިޔާލު ބަދަލުވެ، ސައިކޮލޮޖީއަށް ކޯސް ބަދަލު ކުރި އެވެ. މިހާރު އޭނާ އަކީ ވިލާ ކޮލެޖުގައި ސައިކޮލޮޖީ ކިޔަވާ ދަރިވަރެކެވެ.
ޔާން ބުނި ގޮތުގައި ސައިކޮލޮޖީ ކިޔެވިޔަސް އޭނާގެ މައި ކެރިއަރަކީ ރެސްޓޯރެންޓު ހިންގުމުވެ. ދެ ދާއިރާ މެނޭޖުކުރުމާ ގުޅޭ ގޮތުން ލެކްޗަރާއިންނާ ވާހަކަދައްކައި ހިޔާލު ހޯދާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިތަން ހުޅުވާލާފައި ލެކްޗަރާއިން ކައިރީ އެހީ ކިހިނެއްތޯ ދެން ހަދަންވީ. މުޅިން އެހެން ކޯހެއް ނޫންހޭ މިހާރު މި ހަދަނީ. ލެކްޗަރާއިން ބުނީ އެ މީހުންނަށް އަޅުގަނޑުގެ ކިބައިން އެ ގާބިލުކަން ފެނެޔޭ. އެ ދާއިރާއިން އަދި ނުކިޔެވިޔަސް މިކަން ކުރެވިދާނެކަން އަޅުގަނޑަށް ޔަގީންކޮށްދިން،" ޔާން ބުންޏެވެ.
ޔާންގެ އާއިލާ އަކީ އަބަދުވެސް އޭނާ ކުރާ ކަންކަމަށް ހިތްވަރުދީ ކުރިއަރުވަން ބޭނުންވާ ބައެއް ކަމަށް އޭނާ ބުންޏެވެ. ޔާންގެ އާއިލާގައި އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން ހުންނަނީ ބޭބެއެކެވެ. އެހެންވެ އާއިލާއިން ރެސްޓޯރެންޓު ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވުމުން އެންމެ ބޮޑަށް އިތުބާރުކުރީ ޔާންއަށެވެ.
ޔާން ބުނީ ރެސްޓޯރެންޓު ހުޅުވުމުގެ ކުރިން އޭނާގެ އާއިލާއިން ރެސްޓޯރެންޓެއް މެނޭޖު ކުރެވޭނެތޯ ސުވާލު ކުރުމުން އެކަން ކުރެވޭނެ ކަމާ މެދު ޝައްކު ކުރެވުނު ކަމަށެވެ. ނަމަވެސް އަމިއްލަ ނަފްސަށް ކުރެވުނު އިތުބާރަކާއި އާއިލާގެ ހިތްވަރާ އެކު އެކަން ކުރަން އެއްބަސްވީ ކަމަށް އޭނާ ބުންޏެވެ.
"ފެމިލީން ވާނެ ހެއްޔޭ އެހީމަ ހިތަށް އެރީ އަދި ނެތޭ އެ އެކްސްޕީރިއެންސެއް. އަދި ވާނެ ބާއޭ. ދެކޮޅަށް ވިސްނުމަށް ފަހު ނިންމީ މިކަން ކުރަން. އަދި ހުޅުވިތާ އެހާ ގިނަ ދުވަހެއް ނުވޭ، އެކަމަކު މިކަން ވާނެކަން މިހާރު އެނގޭ،" ޔާން ބުންޏެވެ.
ކުޒީން ކަލްޗަ ހުޅުވީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެތަން ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފަ އެވެ.
ހޮސްޕިޓާލިޓީ ކިޔެވިއިރު ކަލިނަރީ ވެސް ކިޔަވާފައިވާތީ ކެއްކުމަށް ވެސް ޔާން ޝައުގުވެރިވެ އެވެ. އެގޮތުން، ރެސްޓޯރެންޓުގެ ޑެޒާޓް މިވަގުތު ތައްޔާރުކުރަނީ އޭނާ އަމިއްލައަށެެވެ. އަދި އޭނާ ވަނީ އަމިއްލަ ދެ ބުއިމެއް ވެސް އެ ރެސްޓޯރެންޓުގެ މެނޫގައި ހިމަނައިފަ އެވެ.
ޔާން އޭނާ ދެކެނީ "ޕާފެކްޝަނިސްޓެއް"ގެ ގޮތުގަ އެވެ. ކެރިއާއަށް ފޯކަސް ގެއްލި ވަގުތު ނުދެވޭނެ އެއްވެސް ކަމަކަށް އޭނާގެ ސިކުނޑި ހުސްކުރާކަށް އޭނާ މި ވަގުތު ބޭނުމެއް ނުވެ އެވެ.
އަމިއްލަ ރެސްޓޯރެންޓު ޗެއިނެއް ހިންގުމުގެ އަޒުމާ އެކު ޔާން ބޭނުންވަނީ މި މަސައްކަތުގައި އޭނާގެ ނަމަކީ ގިނަ ބަޔަކަށް އެނގޭ ގިނަ ބަޔަކު އިތުބާރު ކުރާ ނަމަކަށް ހެދުމެވެ.