ފަރުވާ ނުދެވި މަރުވި މަންމަގެ ހަށިގަނޑާ އެކު ސައިކަލުގައި
ފަރުވާ ނުދެވި މަރުވި މަންމަގެ ހަށިގަނޑާ އެކު ސައިކަލުގައި

ކޮވިޑާ އެކު އިންޑިއާގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހިތްދަތިކަމެވެ. މިފަދަ މަންޒަރުތައް ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު މިއީ ބަލަން ކެތްވާވަރުގެ މަންޒަރެއް ވެސް ނޫނެވެ.

އުއްތަރު ޕްރަދޭޝްގައި ކޮވިޑް ޖެހުނު 50 އަހަރު އަންހެނަކަށް އޮކްސިން ދޭން ޖެހި އޭނާ އަށް ފަރުވާ ދެވޭނެ ތަނެއް ހޯދަން ސައިކަލެއްގައި އުފުލަނިކޮށް އެންމެ ފަހުން އެ މީހާ މަރުވީ އެވެ. އެ މީހާ އުފުލާނެ އެމްބިއުލާންސެއް އަދި އެފަދަ އެހެން ވެހިކަލެއް ވެސް ނުލިބުނެވެ.

މާ ބޮޑަށް ވަރުދެވެގެން އެ މީހާ ފުރަތަމަ ގެންދިޔައީ އުއްތަރު ޕްރަދޭޝްގެ ސްރީކަކްލަމްގެ ކަސިބުއްގާ އަވަށުގެ ޕްރައިވެޓް ހޮސްޕިޓަލަކަށެވެ. އެތަނުން އޭނާގެ ކޮވިޑް ޓެސްޓް ވެސް ހެދި އެވެ. އަދި ސީޓީ ސްކޭންނެއް ހަދަން ޖެހޭތީ ޑޮކްޓަރު ލަފާ ދިނީ އަންހެން މީހާ އެހެން ހޮސްޕިޓަލަކަށް ގެންދާށެވެ. އެކަމަކު އެމްބިއުލާންސެއް ލިބޭ ގޮތެއް ނުވި އެވެ.

އާއިލާގެ މީހުން އޮޓޯއެއް ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބުނުވުމުން އެ މީހާ ހޮސްޕޮޓަލަށް ގެންދަން އެރުވީ ސައިކަލަކަށެވެ. ދުއްވަން އިނީ އަންހެން މީހާގެ ދަރިއެއްގެ ފިރިމީހާ އެވެ. ފަހަތުގައި އިނީ އަންހެން މީހާގެ ދަރިއެކެވެ. އަންހެން މީހާ ބެއިންދީ އެ ދެ މީހުންގެ މެދުގަ އެވެ.

މި ހާލުގައި އުޅެނިކޮށް އަންހެން މީހާ މަރުވީ 15 ކިލޯމީޓަރު ދުރުގައި ހުރި ހޮސްޕިޓަލަކަށް ދާން ދުއްވަނިކޮށް ސައިކަލް މަތީގަ އެވެ. އެ މީހުން ދަނިކޮށް ފެނިގެން ފުލުހަކު ހުއްޓުވައި ސުވާލުކުރާ މަންޒަރު ފެންނަ ވީޑިއޯ ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ޝެއާކޮށް، އެ ހިތްދަތި މަންޒަތުގެ ވާހަކަ ދައްކާފައިވެ އެވެ.

އަންހެން މީހާ އަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ ވެސް މަރުވި ފަހުން، ޓެސްޓުގެ ނަތީޖާ ލިބުމުންނެވެ.

ކޮވިޑްގެ ނުރައްކަލާ އެކު އިންޑިއާ އިން ކޮންމެ ދުވަހަކު މިފަދަ އެތައް މަންޒަތެއް ދަނީ ފެންނަމުންނެވެ. އޮކްސިޖަން އާއި ބޭސް ނުލިބި އާއިލާގެ މެންބަރުން މަރަށް ތެޅޭތަން ބަލަން ކެތްނުވެ ހޮސްޕިޓަލްތަކުގައި ހިނގާ އެތައް ކަމެއް ކޮންމެ ދުވަހަކު ސޯޝަލް މީޑިއާއާ ހަމަޔަށް ވެސް ތިލަވެ އެވެ. ކޮންމެ ދުވަހަކު އެތައް ލައްކަ ބަޔަކަށް ކޮވިޑް ޖެހި އެތައް ހާސް ފުރާނައެއް ގެއްލިގެން ދާއިރު އަދިވެސް ހާލަތު ރަނގަޅުވާ ކަމުގެ ނިޝާނެއް ވެސް ނުފެނެ އެވެ.