ބަލި ކޮންޓްރޯލް ކުރެވެން އޮތީ ހަމައެކަނި ލޮކްޑައުންއަކުން ނޫންް: ޑރ. ޝާހް
ބަލި ކޮންޓްރޯލް ކުރެވެން އޮތީ ހަމައެކަނި ލޮކްޑައުންއަކުން ނޫންް: ޑރ. ޝާހް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޮތް ހަމައެކަނި ފިޔަވަޅަކީ ލޮކްޑައުންއަކަށް ދިއުން ނޫން ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެއް ދުވަހެއްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 400 އަށް ވުރެ މައްޗަށް ދިއުމާ ގުޅިގެން، މީޑިއާގެ ފިއްތުންތަކާއެކު ބޭއްވި އެޗްއީއޯސީން ބޭއްވި ނިއުސް ބްރީފިންގައި، އެ ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާއިރު ވެސް ފިޔަވަޅު ނާޅަނީ ކީއްވެތޯ އެހުމުން ޝާހް ވިދާޅުވީ، މިހާރު ވެސް ހުރީ ފިޔަވަޅުތައް އަޅާފައި ކަމަށާއި އެކަމަކު ފިޔަވަޅު އެޅުމަކީ ހަމައެކަނި ލޮކްޑައުން އަށް ދިއުން ނޫން ކަމަށެވެ.

ބަލިން ރައްކާތެރިވާން ހުރި އެންމެ އަސާސީ ފިޔަވަޅުތަކަށް ތަބާވެ، އެ ކަންކަމަށް ސަމާލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މާސްކް އެޅުމާއި ގަައިދުރުކަމަށް ސަމާލުކަން ދިނުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

"އަޅުގަނޑުމެންގެ މުޅި އިކޮނޮމީ ބްލޮކްވާ ގޮތަށް، ހުއްޓުމަކަށް ގެނައުމެއް ނޫންކަން ނޭނގޭ އަޅުގަނޑު ދެކެނީ. އިންކްރީޒިން ކޭސަސް އޮބްޒާވް ކުރަމުން މި ދަނީ. އެހެންވީމާ އިތުރު މެޝާސް އަޅުގަނޑުމެން، ޓެކްނިކަލް ޓީމުން ދިރާސާ ކޮށްފައި އަދި ޕޮލިސީ ލެވެލްގައި ޑިސްކަސް ކޮށްފައި އިތުރު މެޝާޒްއެއް ގެންނަން ޖެހޭ ހާލަތެއް އައީމާ، އެ ކަޓް އޮފް ޕޮއިންޓުގައި އަޅުގަނޑުމެން އެކަންތައް ކުރާނެ،" ޝާހު ވިދާޅުވި އެވެ.

"މެޝާސްއަކީ އަނެއްހެން ލޮކްޑައުންއަކަށް ދިއުމެއް ނޫން. މެޝާސްއަކީ މިހާރު ހުރި މެޝާސް ސްޓްރެންތެންކޮށް އެ އަށް ހޭލުންތެރިކަން އިތުރު ކުރައްވައިގެން ފަރުވާތެރިކަމާ އެކު ފަރުދީ ޒިންމާ އަދާކުރުން."

ކޮވިޑާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަކަށް ލަފާ ދޭ "ޓެގް" ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ލޮކްޑައުނެއް ކުރިޔަސް އެކަމުގައި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ. ސިއްހީ ދާއިރާ އަށް ބެލިޔަސް، މީގެ ކުރީގެ ލޮކްޑައުންގައި ހޮސްޕިޓަލުގެ އާންމު ހިދުމަތްތައް ހުއްޓާލުމާއި ރައްޔިތުންނަށް އިތުރު ތަަކުލީފުތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އެންމެން ގުޅިގެން ކޮވިޑްގެ ނަމްބަރުތައް ތިރިކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން، ކޮންމެ ފަހަރަކު ވެސް ކޭސްތައް އިތުރު ވަނީ އެއްވުންތައް އިތުރުވާ ދަނޑިވަޅުތަކުގަ އެވެ. އެގޮތަށް މިފަހަރު ވެސް ކޭސްތައް އިތުރުވެފައި ވަނީ އެއްވުން އެ ހާލަތުގައި ކަމަށް ވިދާޅުވި އެވެ. އެގޮތުން ގިނަ ބަޔަކު އެއްވެ، ތަރާވީސްތައް ބޭއްވުން ފަދަ ކަންކަމުން ދުރުވުމަށް އެދިވަޑައިގަތެވެ.