ދަތި ނުވެ ރާއްޖެއަށް ބޭނުންވާ ވެކްސިން ލިބޭނެ: ޑރ. ޝާހް
ދަތި ނުވެ ރާއްޖެއަށް ބޭނުންވާ ވެކްސިން ލިބޭނެ: ޑރ. ޝާހް

ރާއްޖޭގައި ވެކްސިން ޕްރޮގްރާމު މެދުނުކެނޑި ކުރިއަށް ގެންދެވޭ ވަރަށް ވެކްސިން އެބަ ހުރި ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެ ސެންޓަރުން އެގޮތަށް ބުނެފައި މިވަނީ އިންޑިއާ އިން އެހެން ގައުމުތަކަށް ވެކްސިން އެތެރެކުރުން ހުއްޓާލުމާ އެކު ރާއްޖެ ވެކްސިނަށް ޖެހޭނެ ކަމަށް ގިނަ ބަޔަކަށް ހީވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެޗްއީއޯސީން މިއަދު މެންދުރު ބޭއްވި ޕްރެސް ބްރީފިންގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ ރާއްޖޭގައި މިވަގުތު ވެކްސިނާ އެކު ކުރިއަށް ދިޔުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ޑރ. ޝާހު ވިދާޅުވީ ވެކްސިން ހޯދުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޮވެކްސް ފެލިޓީގެ ދަށުން ވެކްސިން ގަތުމަށް ކުރަން ޖެހޭ މަަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި ދިމަދިމާލުން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އަދި ކޮވެކްސް ފެސިލިޓީން ވެކްސިން އިތުރަށް ގަތުމަށްޓަކައި އަޅުގަނޑުމެން އިތުރަށް ކުރަންޖެހޭ ކަންކަން ވެސް މިދަނީ ކުރަމުން. އެެހެންވީމަ އަޅުގަނޑު ކުރިން ފާހަގަކުރި ގޮތަށް ވެކްސިން ހުސްވެގެން ޕްރޮގްރާމު ކުރިއަށް ނުގޮހެއް ނޯންނާނެ. އެ އިތުބާރު އަޅުގަނޑުމެނަށް އެބަ އޮތް މިހާރު ހުރި ސްޓޮކާ އެކު މެނޭޖްކުރެވޭނެ،" ޑރ. ޝާހު ވިދާޅުވެ އެވެ.

ޑރ. ޝާހު ވަނީ އިންޑިއާ އިން އެހެން ގައުމުތަކަށް ބޭސް އެތެރެކުރުން ހުއްޓާލިޔަސް، ރާއްޖެ ބޭހަށް ވެސް ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވަައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް "ނުބައްދަލު ވަރަކަށް" މިވަގުތު ވެސް ބޭސް އެބަ ހުއްޓެވެ.

އިންޑިއާއިން އެޅި ފިޔަވަޅުތަކާ އެކު ރާއްޖޭގައި ދެމުން އަންނަ ކޮވިޑްގެ ފަރުވާ އާއި ވެކްސިންްގެ ކަންކަމަށް ވެސް އޭގެ އަސަރެއް ނުކުރާނެ ކަމަށް ޑރ. ޝާހު ވިދާޅުވި އެވެ.

އެހެންކަމުންް، ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރިތާ އަށް ހަފްތާވެފައިވާ މީހުން އަވަހަށް ވެކްސިން ޖެހުމަށް ވެސް އޭނާ އެދިވަޑައިގަތެވެ. ޑރ. ޝާހް ވިދާޅުވު ގޮތުގައި މިވަގުތު ވެސް ވެކްސިން ޖެހި ފަހުން އަށް ހަފްތާވެފައިވާ 20،000 އަށް ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ނުޖަހައި އެބަ ތިއްބެވެ.

މި ފަހުން ވެކްސިން ޖެހުމުގެ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެންނާތީ މީހުން އަންނަނީ ރާއްޖެ އިން ވެކްސިން ހުސްވާތީ ގެންނަ ބަދަލުތަކެއްގެ ގޮތުގައި އެކަންކަން ސިފަ ކުރަމުންނެވެ. އެކަމަކު ޑރ. ޝާހު ވިދާޅުވީ، ވެކްސިން ކޯޑިނޭޝަން ކޮމިޓީން ކޮންމެ ދުވަހަކު ބައްދަލުވުންތައް ބާއްވައި، ބަދަލުތަކެއް ގެންނަނީ ރަނގަޅަށް ހިދުމަތް ދިނުމަށް ކަމަށެވެ.

"އެއީކީ ކޮންމެހެން ވެކްސިން ހުސްވެގެން ނުވަތަ ވެކްސިން މަދުވެގެން އަޅުގަނޑުމެން ކުރާ ކަމެއް ނޫން. ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން އެ ބޭނުންވާ ޓައިމްގައި އަޅުގަނޑުމެންނަށް ލިބޭނެ."

އެ ޕްރެސް ބްރީފިންގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިން ޖަހަން ފެށި ފަހުން ސިވިއަ ކޭސްތައް މަދުވެފައި ވާތީ ކުރިއާ އެއްވަރަށް ހޮސްޕިޓަލަށް ބާރު ބޮޑު ނުވާ ކަމަށެވެ. މިހާރު ބަލި ޖެހޭ މީހުންގެ ތެރެއިން އެޑްމިޓްކުރަން ޖެހޭ ރޭޓް ހުރީ 13-16 ޕަސެންޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް 294،269 މީހަކު ވެކްސިން ޖަހާފައިވެ އެވެ. ވެކްސިން ދަތި ނުވެ ލިބޭނެ ކަމަށް ބުންޏަސް ބާކީ ހުރީ ކިހާ ވެކްސިނެއްކަން ޕްރެސްގައި ސާފުކޮށްދީފައެއް ނުވެ އެވެ.